ރެނޭސް އަތުން 3-2 ގެ ނަތީޖާއިން ހަނިގޮތަކަށް މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފްރެންޗް ކަޕްގެ ފައިނަލަށް ދަތުރު ކުރިއިރު، އެ ޓީމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭއަށް ކްލަބް ކެރިއަރުގެ ފުރަތަމަ ރަތް ކާޑާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިހާތަނަށް ކްލަބް ކެރިއަރުގައި އެމްބާޕޭ 87 މެޗު (މޮނާކޯ އާއި ޕީއެސްޖީއަށް) ކުޅެފައިވާއިރު، ރޭގެ މެޗުގެ ކުރިން އޭނާއަށް ރަތް ކާޑެއް ދައްކާފައެއް ނުވެއެވެ. އަނިޔާގެ ސަބަބުން ޕީއެސްޖީ އެންމެ ފަހުން ކުޅުނު 2 މެޗުގައި ވެސް ނުކުޅެ ހުރުމަށްފަހު، ރޭގައި ކުޅެން ނުކުތް އެމްބާޕޭއަށް މެޗުގެ 63 ވަނަ މިނިޓުގައި ސީދާ ރަތްކާޑެއް ދެއްކީ ރެނޭސްގެ އިސްމާލިއާ ސާރް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލަށްފަހު އަނިޔާ ވުމުގެ ސަބަބުން އެ ކުޅުންތެރިޔާ ވަނީ ބަދަލުކޮށްފައެވެ.
ރޭގެ މެޗުގައި ޕީއެސްޖީ އިން ލީޑު ނެގީ މެޗުގެ 24 ވަނަ މިނިޓުގައި ތޯމަސް މުނީރް ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. އެއަށްފަހު ދެ ވަނަ ހާފު ފެށިގެން ކައިރިކައިރީގައި މާކީނިއޯ އަދި ޖިއޮވާނީ ލޮ ސެލްސޯ ކާމިޔާބު ކޮށްދިން ލަނޑުތަކާއެކު ޕީއެސްޖީއަށް 3 ލަނޑުގެ ލީޑެއް ލިބި ފަސޭހަކަމާއެކު މޮޅުވާނެކަމަށް ބެލެވުނެވެ.
ޕީއެސްޖީ ބޮޑު ލީޑެއްގައި އޮއްވާ އެމްބާޕޭއަށް ރަތް ކާޑު ދެއްކުމުން އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. 85 ވަނަ މިނިޓުގައި ޑިއަފްރާ ސަކޯ ޖަހައިދިން ލަނޑާއެކު ރެނޭސްއަށް އުންމީދެއް ލިބުނެވެ. މިއީ ސަކޯ ރެނޭސް އަށް ކުޅެދިން ފުރަތަމަ މެޗެވެ.
މެޗުގެ އިތުރު ވަގުތުގައި ސަންޖިން ޕަރްސިޗް ޖަހައިދިން ލަނޑާއެކު ރެނޭސްއިން ފަރަގު 1 ލަނޑަށް ކުޑަކޮށް އުންމީދާއެކު ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.
ޖެހިޖެހިގެން 5 ވަނަ ފަހަރަށް ފްރެންޗް ކަޕްގެ ފައިނަލަށް ޕީއެސްޖީ ދަތުރު ކުރިއިރު، ފައިނަލްގައި އެ ޓީމަށް ބައްދަލުކުރަން ޖެހޭނީ މޮނާކޯ ނުވަތަ މޮންޓްޕެލިއާ އާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް