ފުވައްމުލައް ސިޓީގައި ލައިސަންސް ނެތި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެ ވެއްޓި އަންހެނަކާއި ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 08:24 ހާއިރުގައެވެ.
"ދަނޑިމަގު ގޭމިސްކިތާއި ދިމާލަށް ނައިބުތުއްތު މަގުން ބާރަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުކުރެވިގެންގޮސް ސައިކަލު ވެއްޓި ސައިކަލު ދުއްވި 37 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި ފަހަތުގައި އިން 19 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތްކަމަށާއި މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާގެ މޫނުގެ ކަނާތް ފަޅިން ވަރަށް ބޮޑަށް މަށައިގެން ގޮސް އަނިޔާވެފައިވާކަމަށެވެ. އަދި ފަހަތުގައި އިން އަންހެން މީހާގެ ގައިގެ އެކި ތަންތަނުން ހަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި ދެމީހުންނަށް ފުއްވަމުލައް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް