ދާދާ ސާހިބު ޕަހަލްކޭ އެވޯޑު ބޮލީވުޑް ސްޕަރ ސްޓާރ އަމީތާބް ބައްޗަންއަށް ދީފިއެވެ.
އިންޑިއަން ސިނަމާ ނުވަތަ ހިންދީ ފިލްމީ ދުނިޔޭގައި ދެވޭ އެންމެމަތީ ޝަރަފްވެރި އެވޯޑަކީ އަމީތާބް އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ކޮށްދީފައިވާ އަގުނުކުރެވޭ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު، ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑް އަމީތާބް ބައްޗަންއާ ހަވާލުކޮށްދެއްވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުއެވެ.
މި އެވޯޑަކީ އިންޑިއާގެ ސިނަމާގެ ބައްޕަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދަންޑީރާޖް ގޯވިންދް ޕަހަލްކޭގެ ނަމަށް ނިސްބަތްކޮށް 1969 ވަނަ އަހަރުން ފެށިގެން ދޭން ފަށާފައިވާ އެވޯޑެކެވެ.
މި އެވޯޑްގައި ހިމެނެނީ ޓްރޮފީއަކާއި އެއްމިލިއަން އިންޑިއާ ރުޕީސް (14،000 އެމެރިކާ ޑޮލަރު) އެވެ.
އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީތާބުގެ އަންހެނުން އަދި ކުރީގެ ފިލްމީތަރި ޖަޔާ ބައްޗަންއާއި އަމީތާބުގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަންއާއި އާއިލާގެ ބައެއް މެމްބަރުންވެސް ބައިވެރިވިއެވެ.
އުމުރުން 77 އަހަރުވެފައިވާ އަމީތާބް އިންޑިއާގެ ފިލްމީ ދުނިޔޭގައި ހަރަކާތްތެރިވާތާ ފަންސާސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، 200 އަށްވުރެ ގިނަ ހިންދީ ފިލްމު ކުޅެފައިވެއެވެ. އަދި ހޮލީވުޑްގެ ބައެއް ފިލްމުތައްވެސް އަމީތާބު ވަނީ ކުޅެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް