2019 ވަނަ އަހަރު މޯލްޑިވްސް އިމިގްރޭޝަނުން ހާސިލްކުރި ކާމިޔާބީތައް ފާހަގަ ކުރުމުގެގޮތުން "ކަށަވަރު 2019" ގެ ނަމުގައި އިމިގްރޭޝަންގެ އޮފިސަރުންނާއިއެކު ޙާއްސަ ހަފްލާއެއް ބާއްވައިފިއެވެ. އިމިގްރޭޝަނުގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި މިހަފްލާގައި، ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މިހަފްލާގައި 2019 ވަނަ އަހަރު އިމިގްރޭޝަނުން ހާސިލްކުރި ކާމިޔާބީތައް ދައްކުވައިދޭ އެނިމޭޓެޑް ވީޑިއޯއެއް، ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސެއިން ވަނީ ޝާޢިއުކޮށްފައެވެ. މި ވީޑިއޯއިން ދައްކުވައިދޭ ގޮތުން؛ ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުންނާއި، ރައްޔިތުންނަށް ދޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި، ޙިދުމަތްތަކާއި މެދު ރައްޔިތުންގެ އިތުބާރު ހޯދުމުގެ ގޮތުންނާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނާއި، ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުންނާއި އަދި އިންސާނީ ވަސީލަތް ކުރިއެރުވުމުގެގޮތުން, މިއަހަރުގެ ތެރޭގައި މައިގަނޑު 14 ކަމެއް ހާސިލްކޮށްފައިވެއެވެ.
އިމިގްރޭޝަނުން 2019 ވަނަ އަހަރު ހާސިލްކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛
1. އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާ، އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ޤާއިމް ކުރުން
2. އިމިގްރޭޝަނުގެ ތަފާސް ހިސާބު ޝާޢިއުކުރަން ފެށުން
3. ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ބިޒްނަސް ވިސާ އަދި އަލަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވެވޭނެ އިންތިޒާމް ހަމަޖެއްސުން
4. ބިޒްނަސް ވިސާގެ ޙިދުމަތް 48 ގަޑިއިރުގެ ތެރޭގައި ދޭން ފެށުން
5. އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ 27 މައްސަލައެއް ތަހުޤީޤީ އިދާރާތަކަށް ފޮނުވުން
6. އިމިގްރޭޝަނުގެ ޚިދުމަތް ލާމަރުކަޒީ ކުރުމުގެގޮތުން ހއ. އަތޮޅުގައި އިމިގްރޭޝަނުގެ އޮފީހެއް ޤާއިމްކުރުން
7. ބޯޑަރ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި "ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބް" އެއް ޤާއިމްކުރުން
8. ސީޕޯޓް ކްލިއަރެންސް ދިނުމަށް ބޯޑަރ ކޮންޓްރޯލް މޯބައިލް ސިސްޓަމެއް އަލަށް ތަޢާރަފްކޮށް ބޭނުންކުރަން ފެށުން
9. "އެން-ރޫޓް ކްލިއަރެންސް" ޚިދުމަތް ދޭން ފެށުން (ފަސޭހަ ޚިދުމަތެއް ދިނުމުގެ ގޮތުން ކަނޑުމަގުން ރާއްޖެ އަންނަ ފަސެންޖަރ ލައިނަރތައް ރާއްޖެ އައުމަށް ފުރާ އެންމެ ފަހު ބަނދަރަށް އިމިގްރޭޝަން އޮފިސަރުން ގޮސް، އެ ބަނދަރަކުން ބޯޓަށް އަރާ، ރާއްޖެ އައުމުގެ ދަތުރުމަތީގައި ފަޅުވެރިންނާއި ފަތުރުވެރިންނަށް ކްލިއަރެންސް ދިނުން)
10. އޮންލައިން ވާރކް ވިސާގެ ޚިދުމަތް ތަޢާރަފްކުރުން
11. ފަސޭހަކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ކޯލް ސެންޓަރުގެ ޚިދުމަތް ތަޢާރަފްކުރުން
12. "ރަށުން" މި ނަމުގައި ޕާސްޕޯޓުގެ ޚިދުމަތް ތަޢާރަފް ކުރުން (އިމިގްރޭޝަނުގެ ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުން ރަށްރަށުން ޕާސްޕޯޓުގެ ޚިދުމަތަށް އެދި ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރުން)
13. އިންސާނީ ވަސީލަތް ހަރުދަނާ ކުރުމުގެ ގޮތުން 25 އޮފިސަރަކަށް، ޑިގްރީ އަދި މާސްޓާރސް ފެންވަރަށް މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ހޯދައިދިނުން
14. އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅުންހުރި 7 ދާއިރާއަކުން، ޖުމްލަ 131 އިމިގްރޭޝަން އޮފިސަރުންނާއި، އިމިގްރޭޝަނާއި ގުޅުންހުރި މަސައްކަތްތައް ކުރާ މުވައްސަސާ / އޮފީސްތަކުގެ 48 ބޭފުޅުންނަށް ތަމްރީނު ދިނުން
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އަދި ޑެޕިއުޓީ ކޮންޓްރޯލަރ ވަނީ މި ކާމިޔާބީތައް ހާސިލްކުރުމުގައި އިމިގްރޭޝަންގެ އިސްވެރިންނާއި އޮފިސަރުން ކުރެއްވި ބުރަ މަސައްކަތާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް 2020 ވަނަ އަހަރު އިތުރު ކާމިޔާބީތައް ހާސިލް ކުރުމަށް ތަސައްވުރު ކުރާކަމާއި، އެކަންތައްތަކާއި އެކު އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ލާމަރުކަޒީ ކުރެވި، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ވެގެން ދާނެކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް