ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރި ކަމަށްބުނެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްފި

ހދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ހޮނޑާފުށީގެ ސާވިސްޗާޖުގެ މައުލޫމާތު ހާމަކުރި ކަމުގެ ތުހުމަތުގައި އެ ރިސޯޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްފިއެވެ. ވަޒީފާއިން ވަކިކޮށް ރިސ...

30 Dec 2019 | 04:03

ހދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ހޮނޑާފުށީގެ ސާވިސްޗާޖުގެ މައުލޫމާތު ހާމަކުރި ކަމުގެ ތުހުމަތުގައި އެ ރިސޯޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްފިއެވެ.

ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްފައިވަނީ އެ ރިސޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމު އަދާކުރަމުންދިޔަ އަހްމަދު ޝިމްހާޒް ނަމަކަށް ކިޔާ ޒުވާނެކެވެ. ވަޒީފާއިން ވަކިކުރުމަށްފަހު އޭނާ މިހާރު ވަނީ އެ އަތޮޅު ހަނިމާދުއަށް ފޮނުވާލާފައެވެ.

މި ޒުވާނާއަކީ ތ. އަތޮޅަށް ނިސްބަތްވާ ޒުވާނެއް ކަމުން ހަނިމާދުއަށް ފޮނުވާލުމުން ނިދާނެ ތަނެއްވެސް ނުލިބޭނެ ކަމަށާއި އަޅާލާނެ މީހަކުވެސް ނުހުންނާނެ ކަމަށް އޭނާ ބުނެފައިވެވެ. ނަމަވެސް އޭނާގެ ރަހުމަތްތެރިންނާއި ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އަންނަނީ ޝިމްހާޒަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ޝިމްހާޒް ވަޒީފާއިން ވަކިކޮށް ރިސޯޓުން ބާލާފައިވާއިރު ރިސޯޓު ތަކުގެ ސާވިސްޗާޖުގެ ވާހަކަ އަޑުގަދަވެގެންދިޔައީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅަކުންނެވެ. އަލީ ވަހީދު ވިދާޅުވީ ގިނަ ރިސޯޓުތަކުގައި ސާވިސްޗާޖު ދެނީ ރަނގަޅަށް ކަމަށެވެ. އެއާއެކު ރިސޯޓުތަކުގައި ސާވިސްޗާޖު ދޭ އަދަދުތައް އާންމުވަމުން ދިޔައެވެ. އެއާއެކު ހޮނޑާފުށި ރިސޯޓުން ނޮވެމްބަރު މަހު ސާވިސްޗާޖުގެ ގޮތުގައި ދޭން ނިންމާފައިވަނީ 11 ޑޮލަރުކަންވެސް ފެންމަތިވެގެން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް