އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ. އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރުނީ އިއްޔެގެ ވަގުތެއްގައި އެވ...

30 Nov 2021 | 15:51

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރުނީ އިއްޔެގެ ވަގުތެއްގައި އެވެ. ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެފައި މިވަނީ އަމިއްލައަށް ހާޒިރުވުމަށް މިމަހުގެ28 ވަނަ ދުވަހު ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ.

އަލީ ކޯޓަށް ހާޒިރު ކުރަނީ އޭނާ އާއި ދެކޮޅަށް މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވާތީ އެވެ. އެ މައްސަލަތަކުގައި ހަތް ދައުވާއެއް އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވެ އެވެ.

ދައުވާތައް އުފުލާފައި ވަނިކޮށް އަލީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވާގޮތަށް ބޭސް ފަރުވާއަށް ކަމަށް ބުނެ އެވެ. އެ މުއްދަތު މިދިޔަ ޖުލައިގަ ހަމަވި އިރުވެސް އަލީ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

28 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ތިން ދުވަސް ތެރޭ އަލީ ހާޒިރު ނުވެއްޖެ ނަމަ ކޯޓު ހުރުމަތް ކެނޑިކަމަށް ނިންމައި ޖާމިނުވި އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ދެ މީހުންނަށް ފިޔަވަޅު ނާޅައި ދޫކޮށްނުލެވޭނެ ކަމަށާއި އެއީ ކޯޓުގެ ގަދަރު ހިފަހައްޓަން ކަމަށް ވިދާޅުވި އެވެ.

އެ ދުވަހުގެ އަޑުއެހުމުގައި އަސްހަދު ވިދާޅުވި ގޮތުގައި ޖާމިނުވެ އެއްބަސްވި ގޮތަށް ހަތަރު މަސް ތެރޭގައި އޭނާ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރި އެވެ. އޭނާ އެހެން ވިދާޅުވީ މީގެ ކުރިން އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް