ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ މިއަދު ވެސް ޑައުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތް މިއަދު ވެސް ޑައުންވެއްޖެ އެވެ. އެ ބޭންކުގެ ސިސްޓަމް އަޕްގްރޭޑު ކުރުމަށް މި ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މަސައްކަތ...

30 Nov 2021 | 12:12

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތް މިއަދު ވެސް ޑައުންވެއްޖެ އެވެ.

އެ ބޭންކުގެ ސިސްޓަމް އަޕްގްރޭޑު ކުރުމަށް މި ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އިރު، ކޮންމެ ދުވަހަކު ވެސް އަންނަނީ އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތް މެދުކެނޑެމުން ނެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ސޯޝަލް މީޑިއާގައި އަންނަނީ ފާޅުކުރަމުން ނެވެ.

އެގޮތުން ކާޑު މެޝިނާއި ޓްރާންސްފަރ އަދި އޭޓީއެމް އިން މުއާމަލާތް މެދުކެނޑުމުންދާތީ، އެކަމުގައި ހިތްހަމަނުޖެހުން އަންނަނީ ފާޅުކުރަމުން ނެވެ.

މިކަމާއިގުޅިގެން ބީއެމްއެލް އިން ދުވަސްއެމްވީ އަށް ބުނީ މިއަދު ދައުންވީ ހަމައެކަނި އެޕް ކަމަށެވެ. އަދި އެގޮތަށް ޑައުން ވީ ވެސް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ.

އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތް މެދުކެނޑެމުންދާތީ، ބީއެމްއެލް އިން ކުރިންބުނެފައިވަނީ ޚިދުމަތް މެދުކެނޑެނީ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު އަދިވެސް ހަމައަކަށް ނޭޅޭތީ ކަމަށެވެ.

މިއީ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމްތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

މިގޮތުން ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހު ބޭންކުގެ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ބޭންކުން ބުނީ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ޚިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށް ވެސް ކުރިމަތިވެދާނެކަމެއް ކަމަށެވެ.

މީގެ އިތުރުން ބޭންކަށް އަންދާސާކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައިވީނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ، ބޭންކުންވަނީ ކުރިޔާލާ ކަސްޓަމަރުންނަށް މިކަންއަންގާފައި ކަމަށެވެ.

ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުން ކަމަށާއި ބޭންކުން ދަނީ މި މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

ޚިދުމަތަށް ބުރޫއަރާ ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށާއި މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް އެ ބޭންކުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް