ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕުން ކުރާ ދިރާސާއިން ތަޢުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެވޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ ދިރާސާގެ މަސައްކަތްކުރިޔަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާއިން ކުރިޔަށްގެންދާ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މިއީ ތަޢުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެ ދާއިރާއަށް މީހުން ޝައުޤުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިންމު ދިރާސާއެއްކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން މިކަމަކީ ސްކޫލްތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމަށާއި ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށާއި ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ މި ގުރޫޕުން ފުރިހަމަ ދިރާސާއެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މި ދިރާސާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން ސްކޫލްތަކުގައި އަދި ތައުލީމީ ދާއިރާގައި ހުރި ރަނގަޅުކުރަންޖެހޭ މުހިންމު އެތައް ކަންތައްތަކެއް ފެނިގެންދާނެކަން ފާހަގަކުރައްވާފަ އެވެ.
ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ހަ ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ގުރޫޕުގައި ތަޢުލީމީ ދާއިރާއާ ގުޅޭ އެކި ރޮނގުތަކުގެ ޚާއްޞަ ތަޖުރިބާކާރު ބޭފުޅުން ހިމެނެ އެވެ. މި ގުރޫޕުން ކުރިޔަށްގެންދާ މި ދިރާސާގެ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވަމުން މިހާރު ދިރާސާގެ ޕްރޮޕޯސަލް އެޕްރޫވްކޮށް މަޢުލޫމާތާއި ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަން މި ގުރޫޕުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
އެގޮތުން ދިރާސާގެ ސާމްޕަލް ކަނޑައަޅައި ފޯކަސް ގުރޫޕްތަކުގެ އިންޓަވިއުތައް މިހާރު ކުރިޔަށްގެންދާ ކަމަށާއި ޓީޗަރުންގެ ސާރވޭ ކަރުދާސްތައް ފޮނުވަން ތައްޔާރުވަމުންދާކަމުގައި ވެސް ރިސާޗް ގުރޫޕުން ފާހަގަކުރެއްވި އެވެ.
2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް ހަދަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް