ކޮންމެ ސަރުކާރަކާއި އެކު ވެރިންނަށް ކުރާ އެންމެ ބޮޑު ތުހުމަަކީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ވާހަކަ އެވެ. ހާއްސަކޮށް ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ވާހަކައަކީ ދައްކާ ވާހަކަ އެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު މި ސަރުކާރަށްވެސް އެ ތުހުމަތު ކުރެ އެވެ. ވަކި މައްސަލަތަކުގައި ހުކުމް ކުރާ ގޮތަކީ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކުރާ ހުކުމްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރި އެވެ.
އެކަމަކު މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވިކަމަށް ކަނޑައަޅައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެކު ގިނަ ބައެއްގެ ގަބޫލު ކުރުންތައް މިވަނީ ހުއްޓާލަން ޖެހިފަ އެވެ. ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި އެކު 20،000 ޑޮލަރުން ޖޫރިމަނާ ކުރީ މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ.
ދައުލަތުން އުފުލި މި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އިދިކޮޅުން ބުނެފައިވަނީ އެއީ ރައީސް ސޯލިހުގެ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށެވެ. މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
އެއާއެކުވެސް އިދިކޮޅުން ބުނަމުން ދިޔައީ ޔާމީންގެ މައްޗަށް އުފުލާފައިވަނީ އިންސާފުން ބޭރުން ސިޔާސީ ދައުވާއެއް ކަމަށާއި އެ ދައުވާ ކުރީ ސަރުކާރު އަޑީގައި އޮވެގެން ކަމަށެވެ. އަދި ނުފޫޒު ފޯރުވަން ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށްބުނެ ސޯޝަލް މީޑިއާގައި އޯޑިއޯތަކެއްވެސް ދައުރުކޮށްފައިވެ އެވެ.
އެކަންވެސް ނިމިގެން ދިޔައީ ސަރުކާރާއި އެއްކޮޅަށެވެ. އެޑިޓް ކޮށްގެން އާންމު ކުރި އޯޑިއޯތަކެއްކަން ސާބިތުވެފައިވާއިރު މިއަދު ޔާމީން މިނިވަން ވުމުންވެސް ސާބިތު ކޮށްދެނީ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވާ ކަމާއި ފަނޑިޔާރުގެ މިނިވަން ވެފައިވާ ވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް