ޗައިނާއިން އެފްރިކާގެ ގައުމުތަކަށް އިތުރު އެއް ބިލިއަން ޑޯޒު ކޯވިޑް ވެކްސިން ފޮނުވަން ނިންމައިފި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެކަން އިއުލާނު ކުރެއްވީ ޗައިނާ-އެފްރިކާ ސަމިޓުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ރައީސް ޝީ ވިދާޅުވީ އެއް ބިލިއަން ޑޯޒު ދިނުމުގެ އިތުރުން ކުރިޔަށް އޮތް ތިން އަހަރު ތެރޭ އިތުރު އެއް ބިލިއަން ޑޯޒު ވެކްސިން އެފްރިކާގެ ގައުމުތަކަށް ހަދިޔާ ކުރުމަށް ޗައިނާގެ ކުންފިނިތަކަށް ބާރު އަޅުއްވާނެ ކަމަށެވެ.
ޗައިނާއިން މިފަހަރު ހަދިޔާ ކުރާ އެއް ބިލިއަން ޑޯޒުގެ ތެރެއިން 600 މިލިއަން ޑޯޒުގެ ކޯވިޑް ވެކްސިން ފޮނުވުމަށް ހަަމަޖެހިފައިވަނީ ސީދާ ޗައިނާ ސަރުކާރުންނެވެ. އަނެއް 400 މިލިއަން ޑޯޒުގެ ވެކްސިން ފޮނުވުމަށް ހަމަޖެހިފައިވަނީ ޗައިނާއިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާތައް މެދުވެރިކޮށެވެ.
ޗައިނާއިން އެފްރިކާގެ ގައުމުތަކަށް ވެކްސިން ހަދިޔާ ކުރަން ނިންމާފައި މިވަނީ ސައުތް އެފްރިކާއިން ކޯވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ އޮމިކްރޮން ފެނިފައިވަނިކޮށެވެ. ޑަބްލިއުއެޗްއޯއިން ވަނީ އެއީ ނުރައްކާ ބޮޑު ވޭރިއެންޓެއް ކަމަށް ކަނޑައަޅާފަ އެވެ.
ޗައިނާގެ ރައީސް ޝި ވިދާޅުވީ ކޯވިޑާއި ދެކޮޅަށް މަސައްކަތް ކުރަން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުގެ ނިސްބަތުން އެފްރިކާގެ ގައުމުތަކަކީ ކޯވިޑް ވެކްސިން ޖަހާފައި ތިބި މީހުން އެންމެ މަދު ސަރަހައްދެވެ. މީގެ ކުރިން ޗައިނާއިން އެފްރިކާގެ ގައުމުތަކަށް ހަދިޔާ ކުރީ ސިނޯފާމް ވެކްސިންގެ އެއް ބިލިއަން ޑޯޒު ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް