އެސްޓީއޯ އިން ތެޔޮ ޓެސްޓްކުރެވޭ ލެބެއް އަންނަ ޖެނުއަރީ މަހު ހުޅުވަނީ

ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާ އެސްޓީއޯ އިން އިންޓަނޭޝަނަލް ކުންފުންޏަކާއި އެކު ރާއްޖޭގައި ތެޔޮ ޓެސްޓު ކުރެވޭ ލެބެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެ ކުންފުނީގެ އެމްޑީ އ...

30 Nov 2021 | 06:26

ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާ އެސްޓީއޯ އިން އިންޓަނޭޝަނަލް ކުންފުންޏަކާއި އެކު ރާއްޖޭގައި ތެޔޮ ޓެސްޓު ކުރެވޭ ލެބެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ އެމްޑީ އަމްރު އެކަން ހާމަ ކޮށްފައިވަނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "މިހާރު" ނޫހަށް ދެއްވި އިންޓަވިއު އެއް ގައެވެ.

އަމްރު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއަށް ގެންނަ ޕެޓްރޯލާއި ޑީސަލް އަދި ޖެޓް ފިއުލް ވިއްކުމުގައި އެ ޓެސްޓުކޮށް ކޮލިޓީ ދެނެގަންނަން ޖެހޭ ކަމަށެވެ. ކަންމިހެން ހުރުމާއެކު މިހާރު އެކަން ކުރެވެމުން އަންނަނީ ރާއްޖެއިން ބޭރަށް ތެލުގެ ސާމްޕަލް ފޮނުވައިގެން ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މިއީ ނުހަނު ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ގިނަ ވަގުތު ދާ ކަމެއް ކަމުގައި ފާހަގަ ކުރައްވާ އަމްރު ވިދާޅުވީ މިކަން ހައްލު ކުރުމަށްޓަކައި އެސްޓީއޯ އިން ޔޫއޭއީގެ ކުންފުންޏަކާއި މަޝްވަރާ ކުރަމުން އަންނަ ކަމުގައެވެ.

އެގޮތުން އަންނަ ޖެނުއަރީ މަހުގައި ތެޔޮ ލެބެއް ރާއްޖޭގައި ގާއިމު ކުރެވޭނެ ކަމުގައި އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރާއްޖޭގައި ތެޔޮ ޓެސްޓު ކުރާ ލެބެއް ގާއިމު ކުރެވުމުން ތެޔޮ ޓެސްޓު ކުރުމަށްޓަކައި ކުރާ ހޭދަ ކުޑަކުރެވިގެން ދާނެ ކަމުގައެވެ. މީގެ އިތުރުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ އަކީ ޓޫރިޒަމް ދާއިރާއިން ލިބޭ އާމަދަނީ އާއި އެއްވަރުގެ ފައިދާ އަކަށް ވެގެން ދާނެކަމުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާ އެސްޓީއޯ އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެ ކުރާ ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް