ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށައިފި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 29 ގައި ކްރިމިނަލް ކޯޓުން ނެވެ. އެއީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން ނެވެ.
އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގަ އެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު 12 ގާ ފަށާފައިވާއިރު ޖުމްލަ 8 އަޑުއެހުމެއް ވަނީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ.
އެންމެ ފަހުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވަނީ ކީއްވެތޯ އަދި އެ ޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ދައުލަތާ ސުވާލުކޮށްފަ އެެވެ.
ޖަވާބުގައި ދައުލަތުގެ ބުނީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ކުރިންބުނެފައިވަނީ މިމައްސަލައިގާ މިއަދުގޮތެއް ނިންމަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް