ރާއްޖޭގައި ޣައިރު ދީނަށް ގޮވާލާ ކޮންޓެންޓުތައް ބްލޮކް ކުރަން އިންޓަނެޓް ހިދުމަތްދޭ ކުންފުނިތަކަށް72 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.
މި މުހުލަތު އެ ކުންފުނިތަކަށް ދިނީ ފުލުހުންނެވެ. ފުލުހުން މިފަދަ އެންގުމެއް އެންގީ އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ.
ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ޣައިރު ދީންތަކަށް ދިވެހިން ވެއްދުމުގެ ބޭނުމުގައި ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ހިންގާ ސޯޝަލް މީޑިއާ އާއި އާންމުކޮށް އިންޓަނެޓްގައި ހިންގާ ހަރަކާތްތަކެއް ހުއްޓުވުމުގެ އަމުރަކަށެވެ. ދީނާ ދެކޮޅު ކޮންޓެންޓް ރާއްޖޭގައި ބްލޮކް ކުރަން ފުލުހުން އަމުރު ހޯދާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ކޯޓުން ނެރުނު އަމުރާއި އެކު ފުލުހުން ވަނީ72 ދެ ގަޑިއިރު ތެރޭގައި އެފަދަ ހުރިހާ ކޮންޓެންޓެން72 ގަޑިއިރު ތެރޭ ބްލޮކްކޮށް އެކަން ލިޔުމުން ފުލުހުންގެ އިދާރާއަށް އެންގުމަށެވެ. އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން މި އެންގުމާ އެއްގޮތަށް މި މުއްދަތުގެ ތެރޭގައި އަމަލު ނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
އެ މުއްދަތު ހަމަވާނީ މާދަމާގެ ވަގުތެއްގައި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ބުނާ ގޮތުން ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި ދީނީ ގޮތުން ހިލާފް އުފެދޭ ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރުމާއި އެފަދަ ކަމެއް ކުރަން އުޅުމަކީ ވެސް މަނާ ކަމެކެވެ. މީގެ އިތުރުން އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ކުރިއަރުވާ ލިޔުންތައް އާންމުންގެ ތެރޭގައި ގެންގުޅުމާއި އެފަދަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ ފެތުރުމަކީ ވެސް މަނާ ކަމެކެވެ.
މި ފަހުން ފުލުހުން ބުނެފައިވާ ގޮތުގައި ކްރިސްޓިއަން ދީން ފެތުރުމަށް ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި ދިވެހި ބަހުން ޕޯސްޓުތަކެއް ކުރަމުންދާ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް