ޔޫރޯ 2020 ގެ ގުރު ނެގުމުގެ ރަސްމިއްޔާތު މިރޭ ކުރިއަށްދާއިރު، ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން (2018 ވަނަ އަހަރުގެ) ފްރާންސް އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަނު އެއް ގްރޫޕަކަށް ލައްވާލައިފިއެވެ.
އަންނަ އަހަރުގެ ޖޫން މަހުގައި އޮންނަ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ވާދަކުރާނެކަމަށް ބެލެވޭ ގަދަ 3 ބާރު އެއް ގްރޫޕަކަށް ލައްވާލާފައިވާއިރު، މިހާރު ވެސް މީޑިޔާތަކުން އަންނަނީ މިއީ ޔޫރޯ 2020 ގެ "މަރުގެ ގްރޫޕް" ގެ ގޮތުގައި ސިފަކުރާން ފަށާފައެވެ. މި ގްރޫޕްގެ މެޗުތައް ވަރަށް ބޮޑަށް ފޯރިގަދަވާނެ ކަމަށް ބެލެވޭއިރު، ދެން މި ގްރޫޕްގައި ހިމެނޭނީ ޕްލޭ-އޮފް ކުޅެގެން މުބާރާތުން ޖާގަ ހޯދާ ގައުމެކެވެ. އެއީ އައިސްލޭންޑް، ރޮމޭނިއާ، ބަލްގޭރިއާ އަދި ހަންގޭރީ، ޖޯޖިއާ، ބެލަރޫސް، ނޯތު މެކެޑޯނިއާ، ކޮސޯވޯގެ ތެރެއިން ޓީމެކެވެ.
ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އެއް ގްރޫޕެއްގައި ހިމެނުނުއިރު، ޕޯޗުގަލް އިން އެންމެ ފަހުގެ ޔޫރޯ ކާމިޔާބު ކުރީ ފައިނަލް މެޗުގައި ފްރާންސްގެ މައްޗަށް ކުރި ހޯދައިގެން ފާހަގަކޮށްލަން ޖެހެއެވެ. އެ މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ޕޯޗުގަލްއަށް އެޑާ ކާމިޔާބު ކޮށްދިންއިރު، އެއީ ޕޯޗުގަލް އިން ކާމިޔާބު ކުރި ޔޫރޯގެ ފުރަތަމަ މުބާރާތެވެ.
ޔޫރޯ 2020 ގެ ދެން އެންމެ ޝައުޤުވެރި ގްރޫޕަކަށް އޮތީ ގްރޫޕް ޑީ އެވެ. އެ ގްރޫޕްގައި، ފާއިތުވި އަހަރު އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ދެ ގައުމުކަމަށްވާ އިންގްލެންޑާއި ކުރޮއޭޝިއާ އެބައޮތެވެ. އިންގްލެންޑުން މިހާތަނަށް ކްރޮއޭޝިއާގެ މައްޗަށް 5 މޮޅު ހޯދާ، 3 މެޗުން ބަލިވެ، 2 މެޗުން އެއްވަރުވެފައިވާއިރު، އެ ދެ ޓީމުގެ ކުރިމަތިލުން ފޯރިގަދަވާނެކަން ކަށަވަރެވެ. ދެން ގްރޫޕް ޑީ ގައި އޮތީ ޗެކް ރިޕަބްލިކެވެ. މީގެ އިތުރުން ގްރޫޕްގައި ހިމެނޭނެ ޓީމެއް އެނގޭނީ ޕްލޭ-އޮފް އަށް ފަހުގައެވެ.
ޔޫރަޕްގެ އެހެން ބައެއް ގަދަބާރުތަކަށް ބަލާއިރު، ޒުވާން ޓީމަކާއެކު އުންމީދު އާކުރަމުން އަންނަ ނެދަލޭންޑްސް ގްރޫޕް ސީ ގައި އޮތީ ޔޫކްރެއިން އަދި އޮސްޓްރިއާ އެކުގައެވެ. މި ގްރޫޕް ފަސޭހަކަމާއެކު ނެދަލޭންޑްސް ކާމިޔާބު ކުރާނެކަމަށް ބެލެވޭއިރު، އިޓަލީ އާ ވޭލްސް ލައްވާލީ އެއް ގްރޫޕަކަށެވެ. ގްރޫޕް އޭ ގައި އިޓަލީ އާއި ވޭލްސްގެ އިތުރުން ދެން އޮތީ ސްވިޒަލޭންޑާއި ތުރުކީ އެވެ.
އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ސަޕްރައިޒިންގ ޓީމެއްގެ ގޮތުގައި ފެނުނު ރަޝިޔާއަށް ގްރޫޕް ބީ ގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ވަރުގަދަ ބެލްޖިއަމް އެވެ. މި ގްރޫޕްގައި ދެން އޮތީ ޑެންމާކާއި، ޔޫރޯއަށް މުޅިން އަލަށް ކޮލިފައިވި ފިންލޭންޑެވެ. މީގެ ކުރިން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކޮށް ޖެހިޖެހިގެން ދެ ޔޫރޯގެ ތަށި އުފުލާލި ސްޕެއިން އަށް ގްރޫޕް އީ ގައި ކުރިމަތިލާން ޖެހޭނީ ސްވިޑެން އާއި ޕޮލެންޑެވެ.
ޔޫރޯ 2020 ގެ ގްރޫޕްތައް:
ގްރޫޕް އޭ: އިޓަލީ، ސްވިޒަލޭންޑް، ތުރުކީ، ވޭލްސް
ގްރޫޕް ބީ: ބެލްޖިއަމް، ރަޝިއާ، ޑެންމާކް، ފިންލޭންޑް
ގްރޫޕް ސީ: ނެދަލޭންޑްސް، ޔޫކްރެއިން، އޮސްޓްރިއާ، ޕްލޭ-އޮފް ޑީ އިން މޮޅުވާ ޓީމެއް
ގްރޫޕް ޑީ: އިންގްލެންޑް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޕްލޭ-އޮފް ސީ އިން މޮޅުވާ ޓީމެއް
ގްރޫޕް އީ: ސްޕެއިން، ޕޮލެންޑް، ސްވިޑެން، ޕްލޭ-އޮފް ބީ އިން މޮޅުވާ ޓީމެއް
ގްރޫޕް އެފް: ފްރާންސް، ޖަރުމަނު، ޕޯޗުގަލް، ޕްލޭ-އޮފް އޭ އިން މޮޅުވާ ޓީމެއް
ޕްލޭ-އޮފް އޭ: އައިސްލޭންޑް – ރޮމޭނިއާ، ބަލްގޭރިއާ – ހަންގޭރީ
ޕްލޭ-އޮފް ބީ: ބޮސްނިއާ އަދި ހާޒެގޮވީނާ – ނޮދާން އަޔަލެންޑް، ސްލޮވޭކިއާ – ރިޕަބްލިކް އޮފް އަޔަލެންޑް
ޕްލޭ-އޮފް ސީ: ސްކޮޓްލޭންޑް – އިސްރާއީލް، ނޯވޭ – ސާބިއާ
ޕްލޭ-އޮފް ޑީ: ޖޯޖިއާ – ބެލަރޫސް، ނޯތު މަކެޑޯނިއާ – ކޮސޯވޯ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް