ފިލްމީ ތަރި މަލީހާ ވަހީދު (މަލް) 11 ފިރިހެނުންނާއެކު ހައްޔަރުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާއިރު އެރޭ އެ ގެސްޓްހައުސްގެ ޓެރަހަށް ދިޔައީ ކޮފީއެއް ބޯން ކަމަށާއި 11 ފިރިހެނަކު އެރޭ ހައްޔަކުރީ އޭނާ ހައްޔަރުކުރުމުގެ ބޭނުމުގައި ކަމަށް މަލް ބުނެފިއެވެ.
މަލް މިހެން ބުނެފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ "މުނިއަވަސް" އަށް ދީފައިވާ އެކްސްލޫސިވް އިންޓަވިއުއެއްގައެވެ.
މަލް ބުނެފައިވަނީ އެރޭ ކޮފީއެއް ބޯން ދިޔައީ ރައްޓެއްސަކާއެކުގައި ކަމަށެވެ. އޭރު ތިން މޭޒު ޖައްސައިގެން ބަޔަކު އެތާނގައި ތިބި ކަމަށެވެ. އަދި ފުލުހުން އައީ މަލްގެ ރަހުމަތްތެރިޔާ ފޯނު ބަލާ ތިރިއަށް ދިޔަ ވަގުތު ކަމަށް މަލް ބުނެފައިވެއެވެ. ”އައިސް ބުނީ އެންމެ ޗެކްކުރަން. މަލް ބުނީން އެމީހުންނާ އެކީ އެއްނޫނޭ މީނީ. ބުނީމަ ވެސް ބުނީ އެމީހުންނާ އެކީއޭ ތީނީ. 4 ފިރިހެނުން އައީ ދެން މަލް އަކީ އަންހެނެއްވީމަ ދަބަސް ޗެކް ކުރީ. ޗެކްކޮށްފަ ބުނީ އޯކޭއޭ ދެން ދާށޭ. އޭރު އެތަނުން އެއް ޕޮލިސް އަނެއް މޭޒުގައި އިން މީހެއް ގޮވައިގެން ދިޔައީ ބޭރަށް. ދެން މަލް ދިޔައީ ޓެރަސް ދޮރުކައިރިއަށް. ދިޔަތަނާ ބޭރަށް ދިޔަ ފުލުސްމީހާ އައިސް ބުނީ އެކަކަށްވެސް ނުދެވޭނޭ. ދެން ފޯނުތައް އަތުލާފަ ބުނީ މޭޒުގައި ހުރި ހުސްތަށިތައްކުގައި ހުރީ ރާކަމަށް ޝައްކުވެޔޭ. ދެން ޕޮލިހަށް ގެންގޮސް ޓެސްޓް ހަދާފަ ދޫކޮށްލާނަމޭ. އެކަމަކު ގެންގޮސް އެއްޗެހިތައް އަތުލާފަ ބުނީ ތިހުރީ ހައްޔަރުކޮށްފައޭ“ މުނިއަވަސްއަށް ދީފައިވާ އިންޓަވިއުގައި މަލް ބުނެފައިވެއެވެ.
މަލް ބުނެފައިވަނީ އޭނާގެ މައްސަލައެއް މިހާރުވެސް ކުރިއަށްދާތީ އެ މައްސަލައާއި މި މައްސަލަ ގުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެއްޗެއް ނުފެނި ހައްޔަރުކޮށްފައި ބަހައްޓަން ފުލުހުން ބޭނުންވި ކަމަށެވެ. އަދި ކޯޓުން އޭނާގެ ބަންދަށް އެންމެ ހަތަރު ދުވަސް ދިނުމުން އެކަމާވެސް ފުލުހުން ހިތްހަމަނުޖެހުނު ކަމަށެވެ.
އޭނާ ބުނެފައިވާގޮތުގައި އެރޭ މުޅިތަން ބަލާ ފާސްކޮށްގެންވެސް އެއްވެސް އެއްޗެއް ފުލުހުންނަށް ފެނިފައެއް ނުވެއެވެ. ގެންދިޔައީ ހަމައެކަނި ތަށިތަކެއް ކަމަށެވެ.
އެރޭގެ އޮޕަރޭޝަނާމެދު ފުލުހުން މާގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ. ހައްޔަރުކުރީ މަލް ކަންވެސް ބުނެފައެއް ނުވެއެވެ. ބުނެފައިވަނީ ޕާޓީ ކުރަނިކޮށް 12 މީހަކު ހައްޔަރު ކުރި ކަމަށެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް