އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިވިއިރު، ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ސިޓީ ބަލިވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 2-0 އިންނެވެ.
ސިޓީގެ ފަރާތުން ދައް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަވަނަ މިނެޓުގައި ކްރިސަޓަލް ޕެލަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން މެޗުގައި ކްރިސްޓަލް ޕެލަސް އަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ވިލްފްރެޑް ޒަހާ އެވެ. ސިޓީއަށް މައްސަލަ ތަކާއި ކުރިމަތިވީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ޒަހާ އަށް ކުރި ފައުލަކަށް ސިޓީގެ ސްޕެއިން ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
ކްރިސްޓަލް ޕެލަސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ ސިޓީން ކުޅެމުން ދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ދެވަނަ ގޯލް ޖަހާ ލްރިސްޓަލް ޕެލަސްއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ ޒުވާން މިޑްފީލްްޑަރު ކޮނާ ގެލަގާ އެވެ.
ލިވަޕޫލް މިރޭ ކުޅުނު މެޗުން އެއްވަރުވީ ބްރައިޓަން އާއި ވާދަކޮށް 2-2 ގެ ނަތީޖާއިންނެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މެޗުގެ ހަތަރު ވަނަ މިނިޓްގައި ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ. މެޗުގެ 24 ވަނަ މިނިޓްގައި ސަޑިއޯ މާނޭ ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އީނޮކް އެމްވޭޕޫ އެވެ.
ލިވަޕޫލުން ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލިއެންޑްރޯ ޓްރޮސާޑް އެވެ.
މި ނަތީޖާތަކާ އެކު ލިވަޕޫލް ތާވަލްގެ ދެވަނާގައި އޮތީ 10 މެޗުން ލިބުނު 22 ޕޮއިންޓާއި އެކުގައެވެ. ތިންް ވަނައިގައި ސިޓީ އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް