އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕުނީތު ރާޖްކުމާރު ކުއްލި ގޮތަކަށް އިއްޔެ މަރުވި ހަބަރު ލިބުމުން ޙާޓް އެޓޭކު ޖެހި އޭނާގެ ދެ ސަޕޯޓަރަކުވެސް މަރުވެއްޖެ އެވެ.
އޭނާ އަކީ ސައުތް އިންޑިއަން ސިނާމަގައި މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ކަންނާޑާ އެކްޓަރެކެވެ. މަރުވި އިރު ޕުނީތު ގެ އުމުރަކީ 46 އަހަރެވެ.
އިންޑިއާގައި މަޝްހޫރު ފަރާތްތަކަށް ތާއީދު ކުރާ މީހުން އެމީހުންދެކެ ވާ ތަފާތު އަދި އާދަޔާ ހިލާފު، ހާއްސަ ލޯތްބަކީ ބައެއް ފަހަރު ގަބޫލު ކުރަން ދަތި ހާދިސާތައް ހިނގާ ކަންކަމެކެެވެ. ޕުނީތުގެ މަރާއި އެކު މިފަދަ ހާދިސާތަކެއް ހިނގާނެ ކަމަށް އިއްޔެވެސް އޮތީ ގަބޫލު ކުރެވިފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަރްނާޓަކާގެ ބެލަގަވީ ޑިސްޓްރިކްޓުގެ ޕްރަޝުރަމް ކިޔާ މީހަކަށް ޕުނީތުގެ މަރުގެ ހަބަރު ލިބުނީ ރޭގެ ވަގުތެއްގައި އެވެ. އެ ހަބަރު ލިބުނުތާ މާގިނަ އިރެއް ނުވެ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެމީހާ މަރުވީ ރޭ 11:00 ހާއިރު އެވެ.
އެ ސްޓޭޓްގެ ޗަމަރަޖާނަގަރް ޑިސްޓްރިކްޓުގެ އުމުރުން 29 އަހަރުގެ މުނިއައްޕާ ކިޔާ މީހާ ވަނީ ޕުނީތުގެ ހަބަރު ލިބުމާއި އެކު ވަގުތުން މަރުވެގެން ވެއްޓިފަ އެވެ. އޭނާ ބެލި ޑޮކްޓަރުން ބުނީ ލިބުނު ހިތާމަވެރި ހަބަރުން ވަގުތުން ޝޮކެއް ޖެހި މަރުވީ ކަމަށެވެ.
އޭނާއަކީ ބެންގަލޫރޫގައި ރަނގަޅު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށްވެ އެވެ. މިދުވަސްވަރު އޭނާ ނިސްބަތްވާ ޑިސްޓްރިކްޓަށް ގޮސްގެން އުޅެނީ ކޯވިޑާއި އެކު ވަޒީފާ އަދާ ކުރިތަން ބަންދު ކުރުމަށް ފަހު ނުހުޅުވާތީ އެވެ.
ޕުނީތު މަރުވީ އިއްޔެ ހެނދުނު ކަސްރަތު ކުރަން ހުއްޓަ މެއަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެވެ. ޕުނީތަށް ފަރުވާ ދިން ބެންގަލޫރޫގެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
ޕުނީތުގެ ކުއްލި މަރާއި އެކު މުޅި ބެންގަލޫރޫ އާއި އެ ސްޓޭޓް ހިތާމައިގެ ތެރެއަށް ވެއްޓިފައިވާއިރު ބެންގަލޫރޫގެ އެކި ސަރަހައްދުތަކަށް އޭނާގެ ސަޕޯޓަރުން ދަނީ އެއްވެ ހިތާމަ ފާޅު ކުރަމުންނެވެ. މިކަމާއި ގުޅިގެން ހިނގާފާނެ ހަމަ ނުޖެހުންތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ފިހާރަ ތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ.
އަދި ބަނގުރާވިއްކާ ތަންތަން މާދަމާ އޭނާގެ ޖަނާޒާ ނިމެންދެން ހުޅުވުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ބެންގަލޫރޫ ފުލުހުން ވަނީ އެލާޓަށް ގެނެސް މުޅި ސިޓީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ.
ކަރްނާޓަކާ ސްޓޭޓް ސަރުކާރުން ވަނީ ވީހާވެސް ގިނަ ބަޔަކަށް އޭނާއަށް ފަހުގެ އިހުތިރާމް އަދާ ކުރުމުގެ ފުރުސަތު ދިނުމުގެ މަގު ފަހިކޮށްދީފަ އެވެ. އެގޮތުން ބިއްލޫރި ފޮއްޓަކަށް ލައި ބެންގަލޫރޫގެ ކަންތީވަރާ ސްޓޭޑިއަމްގައި ޕުނީތުގެ ހަށިގަނޑު މާދަމާ ވަންދެން ބާއްވާނެ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ފެންވަރުގަ ރަސްމީ އިއްޒަތުގައި އެވެ.
މަޝްހޫރު ކަންނާޑާ އެކްޓަރު ރާޖް ކުމާރުގެ ދަރިއެއް ކަމަށްވާ ޕުނީތު ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުތީ ބައްޕަގެ ފިލްމެއްގައި ކުޑަކުއްޖެއްގެ ރޯލުން އުމުރުން 10 އަހަރުގަ އެވެ. ޕުނީތު ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “އައްޕޫ”، “ވީރާ ކަންނަޑިގާ” އަދި “މައުރްޔާ” ފަދަ ފިލްމުތައް ހިމެނެ އެވެ.
ޕުނީތު މަރުވި އިރު އޭނާގެ އަންބަކާއި ދެ އަންހެން ދަރިން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް