ސްޕެނިޝް ލީގުގައި މިއަދު އެލްޗޭ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް މެޗުގެ ލީޑު ނަގާފައިވަނީ ރެއާލުންނެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި މަރިއާނޯ ޑިއާޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިނީސިއަސްއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ރެއާލުން ނިންމާލިއިރު، ފަހު ހާފު ފެށިގެން މި މެޗުގައި އެލްޗޭއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމްގެ ގުޓީއަށް ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫކާޑާއި އެކު ރަތް ކާޑު ދައްކާފައި ވަނީ ރެއާލްގެ މިޑްފީލްޑަރ ޓޯނީ ކުރޫޒްއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގައި ރެއާލަށް ދެވަނަލަނޑު 73 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ވިނީސިއަސްއެވެ. މި ދެ ލަނޑާއިއެކު އޭނާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.
އެލްޗޭއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ރެއާލްގެ ޑިފެންސްގެ ތެރެއިން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ޕެރޭ މިއްޔާއެވެ.
މި ނަތާޖާއާއިއެކު ރެއާލަށް ވަނީ ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނާގައި އޮތް ރެއާލް ސޮސިއެޑާޑްއަށް ވެސް 11 މެޗުން 24 ޕޮއިންޓް ލިބިފައިވީ ނަމަވެސް ރެއާލަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި މެޗުން ބަލިވި އެލްޗޭއަށް 12 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. އެލްޗޭ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް