ފިއުޗާ އިންވެސްޓްމެން އިނިޝިއޭޓިވް ސަމިޓްގައި މައުސޫމް ބައިވެރިވެ ވަޑައިގެންފި

ސައުދީއަރަބިއާގެ ރިޔާދުގައި އޮކްޓޯބަރު 26 އިން 28 އަށް ބޭއްވުނު ފިއުޗަރ އިންވެސްޓްމެން އިނިޝިއޭޓިވް ސަމިޓްގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. ފިއުޗަރ އ...

30 Oct 2021 | 15:22

ސައުދީއަރަބިއާގެ ރިޔާދުގައި އޮކްޓޯބަރު 26 އިން 28 އަށް ބޭއްވުނު ފިއުޗަރ އިންވެސްޓްމެން އިނިޝިއޭޓިވް ސަމިޓްގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

ފިއުޗަރ އިންވެސްޓްމެން އިނިޝިއޭޓިވް އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި ސަމިޓްގެ ތީމަކީ އިންސާނިއްޔަތައް އިންވެސްޓް ކުރުމެވެ.

ރިޔާދްގެ ރިޒްކާލްޓަން ހޮޓެލްގައި ކުރިއަށް ގެންދެވުނު މި ސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި، މަލްޓިނެޝަނަލް ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް 5000 އަށް ވުރެ ގިނަ ޑެލިގޭޓުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިސަމިޓްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އިންސާނިއްޔަތަށް އިންވެސްްޓްކުރުމާއި އެހީތެރިވުން، މަސައްކަތުގެ މާހައުލުގައި މި ޖީލުގެ ޒުވާނުންނަށް ހަމަހަމަކަމާއި އެކު މަސައްކަތް ކުރެވޭނެ ގޮތްތަށް ރޭވުން، އަދި ޘަގާފަތާއި ތަރިކަ ހިމާޔަތް ކުރުމާއި، ގްރީން އިކޮނޮމީ ހިމެނެއެވެ.

މީގެ އިތުރުން ޤައުމުތަކުގެ ތަރައްޤީގެ ދުވެލި ހަލުވިކުރުމުގެ ގޮތުން ސީދާ ބޭރުގެ އިންވެސްޓްމެންޓް ގެނައުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ މައްޗަށާއި ތަޢުލީމާއި ތަމްރީނަށް އިންވެސްޓްކުރުމާއި މުސްތަޤްބަލުގެ ލީޑަރުން ބިނާކުރުމާއި ގުޅޭގޮތުންވެސް މި ސަމިޓުގައި މަޝްވަރާކުރެވުނެވެ.

މި ސަމިޓްގެ ހަވާސާގައި ޓުއަރިޒަމް މިނިސްޓަރު ވަނީ ތަފާތު އިންވެސްޓަރުންނާއި ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މަލްޓިނޭޝަނަލް އޮންލައިން ހޯމްސްޓޭ ޓްރެވެލް އޭޖެންސީއެއްކަމުގައިވާ އޯ.ވައި.އޯ ރޫމްސްގެ ފައުންޑަރ އަދި ސީއީއޯ، މރ. ރިޓޭޝް އަގަރްވާލް އާއި ޑރ. މަޢުސޫމް ބައްދަލު ކުރައްވައި، ދިވެހިރާއްޖޭގެ ހޯމްސްޓޭ ޓޫރިޒަމް ތަރައްޤީ ކޮށް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

އަދި މި ސަމިޓަށް ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރުންގެ ޝަރަފުގައި ސަޢުދީ އަރަބިއާގެ މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަލް ޚަތީބު  ބޭއްވެވި ޖާފަތެއްގައިވެސް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަޢުދީ ސަރުކާރުން ދެއްވި ދަޢުވަތަކަށް މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވި މި ސަމިޓުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުޙައްމަދު ޚުއްސާން އާއި، އެގްޒެކެޓިވް ޑިރެކްޓަރ ފަޟީލާ ޢަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް