ސައުދީ އަރަބިއްޔާއިން ލުބުނާނާއި ބާއްވަމުން އައި ހުރިހާ ގުޅުމެއް ކަނޑާލައި ސައުދީއަށް ކަނޑައަޅާފައި ހުރި ލުބުނާން ސަފީގު ގައުމު ދޫކޮށް ދާން 48 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.
ސައުދީން ހިތްހަމަ ނުޖެހިގެން އުޅެނީ ސައުދީ އިސްވެ އޮވެ އަރަބި ކޯލިޝަނުން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ދެމުންދާ ހަމަލާތަކަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާ ލުބުނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯދަހީ ދެއްކެވި ވާހަކައެއް މި ހަފްތާ ތެރޭގައި ދައުރުވާން ފެށުމުންނެވެ. އޭނާ އަކީ ދާދި ފަހުން މިނިސްޓަރު ކަމަށް އައްޔަން ކުރި މީހެކެވެ.
ސައުދީން ވަނީ ރުޅި އައިސްގެން ލުބުނާނު ސަފީރު އެގައުމުން ފައިބަން މުހުލަތުދީ، ލުބުނާނުގައި ހުރި ސައުދީ ސަފީރު އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. އަދި ލުބުނާނުން ތަކެތި އިމްޕޯޓު ކުރުން ވަނީ ހުއްޓާލާފަ އެވެ. މީގެ އިތުރުން ސައުދީ ރައްޔިތުން ލުބުނާނަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.
ސައުދީގެ މި ނިންމުމާއި ގުޅިގެން ހިތާމަ ކުރައްވާ ކަމަށް ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާޓީ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އުންމީދު ކުރަނީ ސައުދީގެ އެ ނިންމުން ބަދަލު ކުރާނެ ކަމަށް ކަމަށެވެ.
މިކަމާއި ގުޅިގެން އިންފޮމޭޝަން މިނިސްޓަރު ޖޯޖް ވިދާޅުވީ އެ ވާހަކަތަކަކީ ސަރުކާރު ކޯލިޝަނާއި ގުޅި، މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން އަމިއްލަ ހައިސިއްޔަތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި މިހާރު އެ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކުރިން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ފިޔަވަޅު ނޭޅުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
ސައުދީގެ ނިންމުމާއި އެކު އެގައުމަށް ވާގިވެރިވާ ބަހުރެއިންވެސް ވަނީ ލުބުނާނު ސަފީރު އެގައުމުން ފޭބުމަށް އަންގާފަ އެވެ. އަދި ގަތަރާއި، އޮމާން، ކުވައިތްގެ އިތުރުން ޔޫއޭއީ ވަނީ ލުބުނާން ސަފީރުން ފޮނުވާލާފަ އެވެ.
މީގެ އިތުރުން އެ ގައުމުތަކުން ދަނީ ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް މަގާމުން ވަކިކުރަން އެގައުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.
އަރަބި ކޯލިޝަނުން ޔަމަނުގައި ކުރަމުންދާ ހަނގުރާމައި މާބޮޑު ކުރި އެރުމެއް ދެ ފަރާތައް ނުލިބޭއިރު މި ހަނގުރާމައިގެ ސަބަބުން ހޫތީންގެ ހަމަލާތައް ސައުދީއަށް އަމާޒުވުން ވަނީ އިތުރުވެފަ އެވެ. ހޫތީންނަށް ވާގިވެރިވަމުން ދަނީ އީރާނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް