އދ. ދަނގެތީގައި މަހުމޫދު އަބޫބަކުރަށް ހަމަލާދީ މަރާލީ އޭނާ އަތުން ފައިސާ ހޯދަން މި މައްސަލައިގަ ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފި އެވެ.
މަހުމޫދު މަރާލުމަށް ފަހު ފަޅުގެއެއްގެ ތެރޭގައި ހުރި ފެން ވަޅަކަށް ވައްޓާލާފައި އޮއްވަ ފެނުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު އެވެ. އޭނާ މަރާލީ 13 ވަނަ ދުވަހުގެ ރޭ އިރާކޮޅު ކަމަށްވެ އެވެ.
މި މައްސަލައިގަ މަހުމޫދު މަރާލިކަމުގެ ތުހުމަތުގައި ސާލިމް ހައްޔަރު ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. ސާލިމް އަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން އުޅޭ މީހެކެވެ.
މި މައްސަލައިގެ ތަހުގީގު ޓީމާއި އެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހިމެނޭހެން ފުލުހުންގެ އިސް ވެރިންގެ ޓީމެއް މިއަދު ވަނީ ދަނގެއްޗަށް ގޮސްފަ އެވެ. އައި ދަނގެތީ ކައުންސިލާއި، މަހުމޫދުގެ އާއިލާ އާއި ބައްދަލުކޮށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކޮށްފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މަހުމޫދު މަރާލީ އެރޭ ނެނދުން ގެއަށް ގެންގޮސް ފައިސާއަށް އެދުމުން މަހުމޫދު އެކަމަށް އިންކާރު ކުރުމުން އެ ގޭ ތެރޭގައި އެވެ. މަހުމޫދު މަރާލާފައިވަނީ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅި އަރަ އެވެ. ބޮލަށްވެސް އެއްޗަކުން ހަމަލާދީފައި ހުއްޓެވެ.
ފުލުހުންނަށް ސާލިމް ކިޔައިދީފައިވާ ގޮތުގައި މަހުމޫދު މަރާލުމަށް ފަހު ވަޅައް ވައްޓާލީ ގޯންޏަކަށް ލައި އެގޭ ފާރުމަތިން ބޭރަށް ވައްޓާލުމަށް ފަހު ނަގައިގެން ގެންގޮސް އެވެ. މި ހުރިހާ ކަމެއް ވެސް ކުރީ ސާލިމް އެކަނި ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.
ރަށުގެ ބައެއް ތަންތަނުން ލިބުނު ސީސީޓީވީ ފޫޓޭޖުތައް ބެލި އިރު ވެސް ސާލިމް ނޫން މީހެއްގެ ބައިވެރިވުން މި މަރުގައި އޮތް ކަމަކަށް ނުފެނު ކަމަށްވެ އެވެ. މިހާތަނަށް ލިބުނު ހެކިތަކުން މި މައްސަލައިގައި ސާލިމް ފިޔަވައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވެ އެވެ.
މި މައްސަލައިގަ ހައްޔަރު ކުރުމަށް ފަހު ސާލިމް ވަނީ ފަހުން މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. އޭގެ ފަހުންވެސް އޭނާ އެ ރަށަށް ގެންގޮސް ނެނދުން ގެއަށް ގެންދިޔަ އިރު ސާލިމް ވަނީ އޭނާ މަހުމޫދު މަރާލިގޮތް ފުލުހުންނަށް އެތަންތަނަށް ހިނގަމުން ދީފަ އެވެ.
މިކަމާއި ގުޅިގެން މީގެ ކުރިން މަހުމޫދުގެ އާއިލާއިން ބުނެފައިވަނީ އޭނާ މަރާލުމުގައި ބައިވެރިވީ ސާލިމް އެކަނިކަމަށް އެމީހުން ގަބޫލު ނުކުރާނެ ކަމަށެވެ. އެކަމަކު މިއަދު ފުލުހުން ދިން މައުލޫމާތާއި ގުޅިގެން އާއިލާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް