215 ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި މީހުންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ބަލަނީ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައިވ...

30 Oct 2021 | 12:12

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައިވާތީވެ ކްރިމިނަލް ކޯޓުން ހިއުމަންް ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އެމައްސަލަ ބަލަން އަންގައިފިއެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ  ރ. މަޑުއްވަރީ އަށް ނިސްބަތްވާ އަލީ ޝާކިރު 42، އާއި ނިމާލް އަބްދުލްހާރިސް 33، އެވެ.

މަސްތުވާތަކެތި ފޮރުވާފައިހުރީ ރ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ރާނބުގަލިންނެވެ.

މި މައްސަލައިގައި ބަންދު ކުރު ދެމީހުންގެ ބަންދާއިމެދު ވަކި ގޮތެއް ކަނޑައެޅުމަށް ޓަކައި އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވިފައެވެ. މި ދެމީހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން އެ ދެމީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެެވެ.

މިދެމީހުން ބުނެފައިވާ ގޮތުން ފަޅު ރަށުގައި އެދެމީހުންނަށް ވަނީ ޕެޕާ ސްޕްރޭ ޖަހައި  އަނިޔާ ކޮށް ފައެވެ. ނަމަވެސް މި ތުހުމަތުތަކަށް ފުލުހުން ވަަނީ ކޯޓުގައި އިންކާރު ކޮށްފައެވެ.

އެކަމާއި ގުޅީގެން ކްރިމިނަލް ކޯޓުން ނެރުއްވި އަމުރުގައި ވަނީ އަނިޔާ ކުރިކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރުމަށް ފަހު ކޯޓާ ހިއްސާ ކުރުމަށެވެ. އަދި އެދެމީހުންގެ ބަންދުގެ މުއްދަތައް އިއްޔެ 15 ދުވަސް އިތުރު ކޮށް ފައިވެއެވެ.

މިއީ މި ފަހުން ރާއްޖެއިން އެއްފަހަރާ އެންމެ ގިނަ އަދަދަަކަށް ފެނުނު މަސްތުވާ ތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް