ގަލޮޅު ސްކޫލްގައި ތަޢުލީމް ހާސިލް ކުރަމުން ދިޔަ ހަތަރު އަހަރުގެ އަންހެންކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު އަންހެނަކު ޖިންސީ ގޯނާ ކޮށްފައިވާތީވެ މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކުރާ ހުރިހާ އެންމެން ވަޒީފާގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.
މިކަން ހާމަ ކޮށް މިއަދު ގަލޮޅު ސްކޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 29 އޮކްޓޯބަރު 2021 ވީ ހުކުރު ދުވަހުން ފެށިގެން އެ ސްކޫލުގައި މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ހުރިހާ އަންހެނުން ވާނީ ވަޒީފާގެ މަސްޢޫލިއްޔަތުތަކުން އެކަހެރި ކުރެވިފައެވެ.
މީގެ އިތުރުން ފާޚާނާކުރުމަށް ދާ ދަރިވަރުން ފާޚާނާ އަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމުގައި ހާމަކޮށްފައިވެއެވެ. އަދި ފާޚާނާ ކުރުމަށްފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކުވާނަމަ އެހީތެރިކަން ފޯރު ކޮށް ދިނުމަށް ބެލެނިވެރިޔާ އަށް އެންގޭނެއެވެ.
އިތުރަށް ހާމަކޮށްފައިވާ ގޮތުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލުގެ 18 ސަރަހައްދެއްގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.
އެ ސްކޫލްގައި ހަތަރު އަހަރުގެ އަންހެންކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާ ފާޚާނަ އަށް ދިޔަ ވަގުތު ސުކޫލުގެ މަސައްކަތު އަންހެނެކެވެ. މި ހާދިސާ ހިނގިކަން ދަރިވަރު ވަނީ މައިންބަފައިންނާއި ހިއްސާ ކޮށްފައެވެ. އެކަމަކު އެއީ ކާކު ކަން އަދި އެނގިފައެއް ނުވެ އެވެ.
ކުއްޖާގެ މެޑިކަލް ރިޕޯޓްތަކުން ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަން އެނގޭކަމަށް އާއިލާއިން މީޑިއާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް