ބީއެމްއެލްގެ އެހީގައި ހއ. ދިއްދޫގައި ޕާކެއް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކޮށްފިއެވެ. މި ކޮމިއިނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ...

30 Oct 2021 | 09:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކޮށްފިއެވެ.

މި ކޮމިއިނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުންނެވެ.

މި ޕްރޮޖެކްޓް ގެ މަގްސަދަކީ ރަށުގެ ރައްޔިތުން ހުސްވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް  ގާއިމުކުރުމެވެ. އަދި މުޖްތަމައުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ.

ރަށުގެ ގޮނޑުދޮށާ ކައިރީގައި ގާއިމުކޮށްފައިވާ މިޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބެކިއު ހެދުމާއި، އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮއްލަން ތިބުމަށް ވަސީލަތްތައް ބެހެއްޓިފައިވެއެވެ. މީގެ އިތުރުން ފޮތްހަރުގަޑެއްވެސް މި ޕާކުގައި ބެހެއްޓިފައި ވެއެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ނަޝްވާން އިބްރާހިމް ވިދާޅުވީ ދިއްދޫ އަކީ އާބާދީގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން މިރަށުގައި ވަރަށް މަދު ކަމަށެވެ. އެހެންވެ ރަށުގެ ރައްޔިތުންގެ ލާބައަށް އެ ކުލަބުން ބީއެމްއެލްގެ އެހީގައި އެތަނުގައި ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައި ޖޯލި އަދި އުނދޯލި އާއި ލައިބްރަރީ އެއްވަނީ ތަރައްގީ ކުރެވިފައި ކަމަށް ވިދާޅުވި އެވެ

އޭނާ ވިދާޅުވީ އެ ޖަމިއްޔާގެ އުންމީދަކީ ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ.

އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް