އަލީ ވަހީދު މައްސަލައިގެ އަޑު އެހުމެއް އަންނަ މަހު ބާއްވަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ޝެ...

30 Oct 2021 | 09:03

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ޝެޑިއުލްގައިވާ ގޮތުން އެ އަޑުއެހުން ތާވަލު ކޮށްފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 9:00 އަށެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ ފަރާތުންނެވެ.

އަލީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިބުވާ ގޮތަށެވެ. އެކަމަކު ދިން މުއްދަު ހަމަވި އިރުވެސް ރާއްޖެ ނައިސް ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއްގައި އެދިފައިވަނީ އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންގޮސްދިނުމަށެވެ.

ދައުލަތުން މައްސަލަ އިސްތިއުނާފު ކުރީ އަލީ އެދިވަޑައިގެން ގޮތަށް އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމުމުންނެވެ. އެކަމަކު މި މައްސަލައިގަ ހައި ކޯޓުންވެސް ނިންމީ ދައުލަތާއި ދެކޮޅަށެވެ.

ޕީޖީ އޮފީހުން މި މައްސަލަ އިސްތިއުނާފު ކުރީ ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުންނަވައިގެން އަލީ ވަހީދަށް ޝަރިއަތުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ބުނެ އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލީ މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެވެ. އެ މައްސަލައިގަ އޭނާއާ ދެކޮޅަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް