މަޝްހޫރު އެކްޓަރު ޕުނީތު ކުއްލި މަރާއެކު އިންޑިއާ ޝޮކެއްގައި!

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕުނީތު ރާޖްކުމާރު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. އޭނާ އަކީ ސައުތް އިންޑިއަން ސިނާމަގައި މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ކަންނާޑާ އެކްޓަރެކެވެ. މަރުވި އިރު ޕުނީތު ގެ ...

30 Oct 2021 | 08:51

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕުނީތު ރާޖްކުމާރު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އޭނާ އަކީ ސައުތް އިންޑިއަން ސިނާމަގައި މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ކަންނާޑާ އެކްޓަރެކެވެ. މަރުވި އިރު ޕުނީތު ގެ އުމުރަކީ 46 އަހަރެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވީ އިއްޔެ ހެނދުނު ކަސްރަތު ކުރަން ހުއްޓަ މެއަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެވެ. ޕުނީތަށް ފަރުވާ ދިން ބެންގަލޫރޫގެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

މަޝްހޫރު ކަންނާޑާ އެކްޓަރު ރާޖް ކުމާރުގެ ދަރިއެއް ކަމަށްވާ ޕުނީތު ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުތީ ބައްޕަގެ ފިލްމެއްގައި ކުޑަކުއްޖެއްގެ ރޯލުން އުމުރުން 10 އަހަރުގަ އެވެ. ކާމިޔާބު ކަންނާޑާ ފިލްމުތަކެއް ކުޅެފައިވާ ޕުނީތުގެ ކުއްލި މަރާއި އެކު ކަރްނާޓަކާ ސްޓޭޓް ވަނީ ސިއްސުވާލާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕުނީތުގެ މަރާއި އެކު ސަޕޯޓަރުން ހަމަނުޖެހުން ހިންގަފާނެތީ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރޫގެ ފިހާރަތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. ޕުނީތުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބެންގަލޫރޫގެ މަގުތަކަށް އެއްވަމުންދާއިރު ވީހާވެސް ގިނަ ބަޔަކަށް އޭނާއަށް ފަހުގެ އިހުތިރާމް އަދާ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން ބެންގަލޫރޫގެ ކަންތީވަރާ ސްޓޭޑިއަމްގައި އޭނާގެ ހަށިގަނޑު މާދަމާ ވަންދެން ބާއްވާނެ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ފެންވަރުގެ އިއްޒަތުގައި އެވެ.

ޕުނީތުގެ ކުއްލި މަރާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައިވެ އެވެ. މޯދީގެ މެސެޖުގައި ވިދާޅުވީ ޕުނީތުގެ އުމުރަކީ އަދި އެކްޓިން ދާއިރާ ދޫކޮށް ދާންވީ ވަގުތުނޫން ކަމަށެވެ.

ޕުނީތު ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އައްޕޫ"، "ވީރާ ކަންނަޑިގާ" އަދި "މައުރްޔާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ޕުނީތު މަރުވި އިރު އޭނާގެ އަންބަކާއި ދެ އަންހެން ދަރިން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް