ޝިލްޕާގެ ދެމަފިރިން ނަފްސާނީ ފުރައްސާރަ ކުރި ކަމަށް ބުނެ ޝެރްލީންވެސް ކޯޓަށް

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ދެމަފިރިން ނަފްސާނީ ފުރައްސާރަ ކުރި ކަމަށް ބުނެ ބަދަލު ހޯދަން ބަތަލާ ޝެރްލީން ޗޯޕްރާވެސް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. ޝެރްލީންގެ ފަރާތުން މައްސަލައެއް ކޯޓަށް ވައް...

30 Oct 2021 | 07:48

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ދެމަފިރިން ނަފްސާނީ ފުރައްސާރަ ކުރި ކަމަށް ބުނެ ބަދަލު ހޯދަން ބަތަލާ ޝެރްލީން ޗޯޕްރާވެސް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޝެރްލީންގެ ފަރާތުން މައްސަލައެއް ކޯޓަށް ވައްދާފަ މިވަނީ އޭނާ އާ ދެކޮޅަށް ޝިލްޕާގެ ދެމަފިރިން 50 ކްރޯޑު އިންޑިއަން ރުޕީސްގެ ބަދަލެއް ހޯދަން ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. ޝިލްޕާގެ ދެމަފިރިން ޝެރްލީންއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ބަރަހަނާ ފިލްމު އުފެއްދި މައްސަލައިގަ ރާޖް ހައްޔަރު ކުރި ފަހުން ދެމަފިރިންގެ އަބުރާ ބެހުނު ކަމަށްބުނެ އެވެ.

ޝިލްޕާގެ ދެމަފިރިންގެ އަތުން ބަދަލު ހޯދަން ޝެރްލީން ކޯޓަށް މައްސަލަ ހުށަހެޅީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އެ މައްސަލައިގަ ބުނެފައިވަނީ އެ ދެމަފިރިން އޭނައަށް ނަފްސާނީ ފުރައްސާރަ ކޮށްފައިވާތީ ބަދަލުގެ ގޮތުގައި 75 ކްރޯޑް ރުޕީސްގެ ބަދަލެއް ނަގައި ދިނުމަށް އެދޭކަމަށެވެ.

ޝެރްލީން ބުނީ އެނާ އާއި ދެކޮޅަށް ޝިލްޕާގެ ދެމަފިރިން މައްސަލަ ހުށަހެޅީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގައް އަރައިގަނެގެން ކަމަށެވެ. ބަދަލު ހޯދަން ކޯޓަށް ދާން ނިންމި މައިގަނޑު ސަބަބަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއްކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށާއި މިކަމާ ގުޅިގެން އޭނާ އަށް އިންސާފު ލިބުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތްކަން ޔަގީން ކޮށްދޭނެ ކަމެއް ކަމަށް ޝެރްލީން ބުންޏެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ބުނަފައި ވަނީ ރާޖްގެ ފަރާތުން ޖިންސީ ގޯނާ ލިބުމުގެ އިތުރަށް، އަންޑަވޯލްޑް ބައެއްގެ ފަރާތުން ބިރު ދެއްކުމުގެ އިންޒާރު ވެސް ރާޖް ދީފައިވާ ކަމަށެވެ.

ޝެރްލީން މިހެން ބުނި އިރު ޝިލްޕާ ކޯޓަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ދެ މީހުންގެ ދެމެދުގައި ދެކެވުނު ވާހަކައެއްގައި ޝެރްލީން ވަނީ ރާޖްގެ ފަރާތުން ޖިންސީ އަނިޔާ ނުވަތަ ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ ކަމަށެވެ. އަދި ޝެރްލީން އެ ވާހަކަތައް ދެއްކީ އޭނާގެ ގާނޫނީ ވަކީލު އެކަމަށް ބާރު އަޅައި އެހެން ކިޔައިގެން މައްސަލަ ހުށަހެޅުމަށް ލަފާ ދިނުމުން ކަމަށް ބުނެފައިވާ ކަމަށެވެ.

ޝެރްލީން އަކީ ރާޖް ކުންދްރާ އާއި ދެކޮޅަށް ބަލަމުންދާ ބަރަހަނާ ފިލްމު އުފެއްދުމުގެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ބަޔާން ދީފައިވާ މީހެކެވެ.

އޭނާ ފެނިގެންދިޔަ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ދިލް ބޯލޭ ހަޑިއްޕާ" އާއި "ބަޖާ ތުމް ހޯ" އަދި "ރެޑް ސްވާސްޓިކް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް