އައިޖީއެމްއެޗު ކެންޓީން ސަރަހައްދު ބޮޑޫތަކުރުފާނު މަގު ސަރަހައްދުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މި މަސައްކަތް އެ ކައުންސިލުން ކޮށްދެނީ އައިޖީއެމްއެޗުން އެމަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުންނެވެ. ސިޓީ ކައުންސިލުން ބުނީ އެކަން މިހާރު އެ ހޮސްޕިޓަލަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފެން ބޮޑުވެ ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެ އެވެ. މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހޮސްޕިޓަލްގެ ހުޅަނގު ފަރާތު އިންފާރުގައި ހެދިފައި އޮންނަ ފެންގަނޑުގެ ސަބަބުން، އެ ސަރަހައްދުން ހިނގައިބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެ ކަން ބެލިއިރު، ފެންގަނޑު ހެދެނީ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުން ކަން އެނގިފަވާ ކަމަށެވެ. އެކަމަކު އެ ފެންތައް ދޫކުރަނީ ކައުންސިލަށް އެނގިގެން ނޫން ކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލްގެ ބަޔާނުގައި އައިޖީއެމްއެޗާއި ހަވާލާދީ ބުނެފައިވާ އެ މައްސަލަ ހައްލުވޭތޯ ކުރިން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީ އާއި އައިޖީއެމްއެޗު ގުޅިގެން ކުރި މަސައްކަތުން ހައްލެއް ނުލިބުނު ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ސިޓި ކައުންސިލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލެގެ މަގުމައްޗަށް އެއްވެސް ފަރާތަކުން ފެން ދޫކުރުމަކީ އެ ކައުންސިލުން ހުއްދަ ދޭ ކަަމެއް ނޫން ކަމަށެވެ. އެހެން ކަމުން އާއްމު ރައްޔިތުންނަށް އުނދަގޫވާ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލާފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް