ސްރޯކް ބައްޔަށް ހޭލުންތެރިކުރުވުމަށް އައިޖީއެމްއެޗުން ހުޅުމާލޭގައި ޚާއްސަ ހަރަކާތެއް ބާއްވައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިއީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 29 ވަނަ ދުވަހަކީ ދުނިޔޭގެ ސްރޯކް ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް ކަމަށްވާތީ، އެބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އައިޖީއެމްއެޗް ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ހަރަކާތަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
މި ހަރަކާތުގައި ހެލްތު ސްކްރީނިންގ އާއި ބައްޔާއިމެދު މީހުން ހޭލުންތެރި ކުރުވުމަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް ބުންޏެވެ.
މިއަހަރުގެ މިދުވަހުގެ ޝިއާރަކީ 'މިނެޓްސް ކޭން ސޭވް ލައިވްސް' އެވެ.
ސްޓްރޯކަކީ ސިކުޑީގެ ޓިޝޫތަކާ ސެލްތަކަށް ބޭނުންވާ ވަރަށް އޮކްސިޖަނާއި ލޭ ނުލިބުމުން މި ސެލްތަކާ ޓިޝޫތަކަށް އަނިޔާވުމާއެކު ދިމާވާ ނުކުޅެދުންތެރިކަމަކަށް ކިޔާ ނަމެކެވެ.
ސްރޯކެއް ޖެހުނުކަން ދެނެވޭނެ ތިން ގޮތެއް ވެއެވެ. އެއީ މޫނުގެ އެއްފަރާތް އޮރިދަމައިގަތުމާއެކު އަތްފައިގެ ވާގި ނުހުންނަ ގޮތް ވުމާއި ވާހަކަދައްކަން އުދަނގޫވުން ނުވަތަ ދައްކާ ވާހަކަ ދިމާ ނުވުން ނުވަތަ ދޭހަ ނުވުމެވެ.
މިފަދަ އަލާމާތެއް ފެނިއްޖެނަމަ އެންމެ ސިކުންތެއް ވެސް ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުން ވަރަށް މުހިއްމެވެ.
މި ބައްޔަކީ ރާއްޖޭގައި ވެސް އާންމު ބައްޔަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވާފަދައިން، 2020 ވަނަ އަހަރުގެ އޮގަސްޓު މަހު އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ސްރޯކް ސެންޓަރަކާއި ސްޓްރޯކަށް ފަރުވާދެވި ދޫކޮށްލާފައިވާ ބަލިމީހުންނަށް ގަވާއިދުން ފަރުވާ ދިނުމަށް ސްރޯކް ކްލިނިކެއް ގާއިމްކޮށް ޚިދުމަތްދޭން ފަށާފަ އެވެ.
މި ސެންޓަރަކީ ސްޓްރޯކް ޖެހިގެން ގެނެވޭ ބަލިމީހުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށް ދިނުމަށް ޚާއްސަކޮށްފައިވާ ސެންޓަރެކެވެ. މިގޮތަށް އެނދުމަތި ކުރެވޭ ބަލިމީހުންނަށް އަވަސް ފަރުވާ ދެވުމަކީ ސްޓްރޯކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަވެ، ސްޓްރޯކް އަކަށްފަހު ނުކުޅެދުންތެރިކަމެއް އުފެދުމުގެ ފުރުސަތު ނިސްބަތުން ދަށްވެގެންދާނެ ކަމެކެވެ.
މި ސެންޓަރުގެ ސަބަބުން މިފަދަ ބަލިމީހުންގެ ހާލަތު ކުރިއަށްވުރެ ގާތުން ބެލެހެއްޓުމަށް މަގުފަހިވެގެން ގޮސްފައިވާއިރު، ސްޓްރޯކްއަކަށް ފަހު އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަވުމަށް ބޭނުންވާ ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕެޝަނަލް ތެރަޕީ ފަދަ އިތުރު ޚިދުމަތްތައް ވެސް ސެންޓަރުން ފޯރުކޮށްދެއެވެ.
17 އޮގަސްޓު 2020ން މިއަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި ސެންޓަރުން ޖުމްލަ 291 މީހަކަށް ވަނީ ޚިދުމަތްދީފަ އެވެ.
ސެންޓަރުން ޚިދުމަތް ދީފައިވާ ބަލިމީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ފަރުވާ ހޯދާފައިވަނީ ސިކުނޑިއަށް ޖެހޭ ސްޓްރޯކްގެ ބާވަތެއް ކަމަށްވާ އިސްކީމިކް ސްރޯކަށެވެ. އެއީ 210 މީހުންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ފަރުވާ ހޯދާފައިވަނީ ވެސް ހަމަ ސިކުނޑިއަށް ޖެހޭ ހެމޮރެޖިކް ނަމަކަށް ކިޔާ ސްރޯކްގެ ބާވަތަކަށެވެ. މިބާވަތުގެ ސްޓްރޯކަށް ޖުމްލަ 44 މީހަކު ވަނީ ފަރުވާ ހޯދާފަ އެވެ.
މީގެ އިތުރުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 626 މީހަކަށް ސްރޯކް ކްލިނިކުން ވަނީ ޚިދުމަތް ފޯރުކޮށްދީފަ އެވެ.
މިފަދަ ސިއްހީ އެމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމްބިއުލާންސް ނަމްބަރު 102 އަށް ގުޅުމަށް ނުވަތަ ހޮސްޕިޓަލުގެ އަވަސްފަރުވާ ޑިޕާޓްމެންޓަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް