އުއްޗުގެ ދައުވަތައް ރާއްޖޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ މެޗު ކުޅެފި، މޮޅުވީ ގައުމީ ޓީމު

ރާއްޖޭގެ ތާރީހުގައި ކުޅެވުނު އެންމެ އަގުބޮޑު ފުޓުބޯޅަ މެޗު އިއްޔެ ކުޅެފި އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުޅުނު މި މެޗު ކުޅެފައިވަނީ އޭނާގެ ކުރެއްދޫ އައިލެ...

30 Oct 2021 | 03:44

ރާއްޖޭގެ ތާރީހުގައި ކުޅެވުނު އެންމެ އަގުބޮޑު ފުޓުބޯޅަ މެޗު އިއްޔެ ކުޅެފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުޅުނު މި މެޗު ކުޅެފައިވަނީ އޭނާގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެވެ. މެޗުގައި ބައްދަލު ކުރީ ރާއްޖޭގެ ގައުމީ ޓީމާއި ކުރެއްދޫ ރިސޯޓުގެ ޓީމެކެވެ.

މި މެޗު 1-7 ލަނޑުން ކާމިޔާބު ކުރީ ގައުމީ ޓީމެވެ.

މެޗުގައި ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ތިން ލަނޑު ޖަހައި ހެޓްރިކް ހެދި އިރު، އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ދެ ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމުގެ ގޯލުތައް ދެން ޖަހައިދި ދިނީ މުހައްމަދު އުމެއިރާއި އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގައި ކުރެއްދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގެވެ.

މި މެޗުން މޮޅުވުމާއެކު ގައުމީ ޓީމަށް ވަނީ ފައިސާގެ އިނާމެއްގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުއްޗުގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އެވެ. ދެން ހިމެނެނީ ދިރާގުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާ އެވެ.

މީގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔާއަށް ލިޓަސްއިން ހުށަހެޅި ސައިކަލު ލިބިފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭއަށެވެ. އަދި ސަން ފްރަންޓުން ހުށަހެޅި ބެޓެރި ސައިކަލް ކުރެއްދޫގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގަށް ލިބުނު އިރު، ސަން ފްރަންޓުން ދެން ހުށަހެޅި ބައިސްކަލް ލިބުނީ ކުރެއްދޫގެ ކޯޗު މުހައްމަދު އަބްދުލް ގަނީއަށެވެ.

އެފްއޭއެމުން ނިންމާފައިވަނީ މި މެޗުން ލިބުނު ފައިސާގެ އިނާމް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަަމަކޮށް ބަހާލުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް