ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
އެމަނިކުފާނު އެ ދެ ސިޓީއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ފުވައްމުލަކު ސިޓީއަށެވެ. އެއަށްފަހު ދެން އެމަނިކުފާނު ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ދެ ސިޓީގެ ވެސް ސިޓީކައުންސިލާ ބައްދަލުކުރައްވައި ކައުންސިލަރުން ފާހަގަކުރެއްވިކަންކަމާ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި މި ދެ ސިޓީގެ މުހިންމު ތަންތަނަށް ވެސް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.
މީގެ އިތުރުން މި ދެ ސިޓީގައި ކުރިޔަށްދާ ސަރުކާރުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވާ ދެ ސިޓީގެ ކަމާގުޅުންހުރި އެކިއެކި ފަރާތްތަކާއެކު ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި، މަސްޖިދުލް ހުދާގެ ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާ އައްޑޫސިޓީގެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ސަރވިސް އެކްސެލަންސް ޕްރޮގްރާމް ވަނީ ފަށްޓަވައިދެއްވާފަ އެވެ. އަދި މި ދެ ސިޓީގައި ވެސް ރަސްމީގޮތުން ޙިފްޡު ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް