ފްރެންޗް ލީގުގައި ހުކުރު ދުވަހުގެ ރޭ ލިލްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގު ތާވަލްގެ އެއްވަނާގައި10 ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަގައިފިއެވެ.
އަމިއްލަ ރަށުގައި ލިލް އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ1-2 ގެ ނަތީޖާއިންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން ގެންދިޔައީ ލިލް އިންނެވެ. އެގޮތުން މި ހާފުގައި ޕީއެސްޖީގެ ފަހަތައް ބާރު ބޮޑުކޮށް ނުރައްކާތެރި ގިނަ ހަމާލަތަކެއް ވެސް އުފައްދާފައިވަނީ ލިލް އިންނެވެ. އެގޮތުން މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ލިލްގެ ޖޮނަތަން ޑޭވިޑް ކައުންޓަ އެޓޭކެއްގައި ޔިލްމާޒަށް ތަނަވަސް ކޮށްދިން ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް ގޯލުގެ ކުރިމަތީ ހުސްކޮށް ހުރެ ބުރަކް ޔިލްމާޒް ފޮނުވާލި ބޯޅަ ކީޕަރު ޑޮންނަރުންމާ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ވެސް ލިލް އަށް ވަނީ ލަނޑު ޖަހަން އިތުރު ފުރުސަތެއް ވެސް ލިބިފައެވެ. އެގޮތުން މިފަހަރުވެސް ޑޭވިޑް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޔިލްމާޒު ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލާއި އަމާޒެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިލްއިންނެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގި އިރު މި ލަނޑު ލިލް އަށް ކާމިޔާބު ކޮށްދިނީ ޔިލްމާޒްގެ އެހީތެރި ކަމާއި އެކު ޖޮނަތަން ޑޭވިޑްއެވެ.
މެޗުގެ ފުރަތަމަ ހާފު ލިލް އިން ލީޑުގައި އޮވެ ނިންމާލި ނަމަވެސް މެޗުގެ ފަހު ހާފަށް ކުޅެން އަރާ ބަދަލުތަކަކާއި އެކު ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލިއެވެ. އެގޮތުން ޕީއެސްޖީން މެޗުގެ ފަހު ހާފު ފެށީ އިތުބާރު ފޯވާޑް މެސީއާއި ނުލައެވެ. މެސީގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގައި އެކަށީގެންވާ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައިރު، އޭނާ ބަދަލުކުރީ ފަހުހާފުގެ ކުޅުން ފެށުމު ތަނާ ހެންނެވެ. މެސީގެ ބަދަލު ކުޅެން އެރުވީ މައުރޯ އިކާޑީއެވެ.
ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ މެޗުގެ 74 ވަނަ މިނެޓުގައެވެ. އެންހެލް ޑިމަރިއާގެ އެހީތެރި ކަމާއި އެކުމު މި ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ މާކީނިއޮސްއެވެ. އޭނާ މި ލަނޑު ޖެހީ ލިލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ޑިމަރިއާ ނަގައިދިން ބޯޅައަކުން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޕީއެސްޖީން މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބު ކުރި އިރު، މި ލަނޑު ޖަހައިދިނީ އެންހެލް ޑިމަރިއާއެވެ.
މި މޮޅާއި އެކު ޕީއެސްޖީން އެއްވަނާގައި 10 ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެޓީމު އެއް ވަނާގައި އޮތީ ކުޅުނު 12 މެޗުން ލިބުނު 31 ޕޮއިންޓާއި އެކުއެވެ ދެވަނަގާގައި އޮތް ލެންސްއަށް 21 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނާގައި އޮތް ނީސްއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ޕީއެސްޖީ އަތުން ބަލިވި ލިލް އޮތީ 15 ޕޮއިންޓާއި އެކު ތާވަލްގެ 11 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް