ތޫފާން މަހާ: ރާއްޖެއަށް ނުރައްކަލެއް ނެތް ނަމަވެސް ކަނޑުމަތި ވަރަށް ގޯސް، ނުރައްކާ ބޮޑީ މަލިކާއި ކެރެލާއަށް

ރާއްޖެ، ލަންކާ އަދި އިންޑިއާ ގުޅޭ ކޮމަރިން ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާއިރު އެ ތޫފާނުގެ މިސްރާބު ހުރީ މަލިކު ހިމެނޭ ލަކްޝަޑްވީޕްގެ މަތިން ގޮސް އަރަބި ކަނޑަށެވ...

30 Oct 2019 | 17:52

ރާއްޖެ، ލަންކާ އަދި އިންޑިއާ ގުޅޭ ކޮމަރިން ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާއިރު އެ ތޫފާނުގެ މިސްރާބު ހުރީ މަލިކު ހިމެނޭ ލަކްޝަޑްވީޕްގެ މަތިން ގޮސް އަރަބި ކަނޑަށެވެ. ނުރައްކާ ބޮޑީ މަލިކު ހިމެނޭ ލަކްޝަޑްވީޕާއި ކެރަލާއަށެވެ.

އިންޑިއާގެ ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ (އާރުއެސްއެމްސީ) އިން ބުނެފައިވާގޮތުގައި މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިމިވަނީ މިރޭ އިރު އޮއްސި ރާއްޖޭ ގަޑިން ނަމަ 06:00 ހާއިރުގައެވެ. ގަޑިއަކު 25 ކިލޯމީޓަރުގެ ބާރުމިނުގައި ފާއިތުވި ހަ ގަޑިއިރު މި ތުފާން ދަތުކުރަމުން އަންނަ އިރު މިހާރު ތޫފާނުގެ މެދު ހުރީ މާލެއާއި އިރު އުތުރުން 540 ކިލޯ މީޓަރު ދުރުގައެވެ. އަދި މަލިކާއި 240ކިލޯ މީޓަރު ކައިރީގައެވެ އަދި ކެރެލާގެ ތިރުވަނަންތަޕޫރަމާއި 320 ކިލޯމީޓަރު ކައިރީގައެވެ.

މާދަމާ ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ  

ވެލް ފޯމްޑް ޑިޕްރެޝަނަކުން ޑިޕްރެޝަނަކަށް ބަދަލުވެ ޑިޕްރެޝަނަކުން ސައިކްލޯނަކަށް ބަދަލުވެ ތޫފާނުގެ ނަންވެސް ދެވިފައިވާއިރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ތޫފާނުގެ ދަރަޖަ "ސިވިއަރ ސައިކްލޯނިކް ސްޓޯމް" (ބާރުގަދަ ތޫފާން) އަކަށް ބަދަލުވެގެން ދާނެއެވެ. އަދި އެއަށްފަހު ޖެހިގެން އަންނަ 24 ގަޑިއިރުގެ ތެރޭގައި "ވެރީ ސިވިއަރ ސައިކްލޯނިކް ސްޓޯމް" (ވަރަށް ބާރުގަދަ ތޫފާން) އަކަށް ބަދަލުވާނެއެވެ. ނަމަވެސް ތޫފާނުގެ ބާރު އެހާ ގަދަވާއިރު، މިހާރު އެ ދަތުރުކުރާ ސްޕީޑާއި މިސްރާބަށް ބަލާއިރު ތޫފާން ރާއްޖެ އޮބާ ގޮސް އިންޑިއާގެ ކެރެލާ ސްޓޭޓާއި އަރާ ހަމަ ކުރާނެއެވެ.

މި ތޫފާނުގައި ވާރޭގެ ހާލަތު

ރާއްޖެއަށް ބަލާނަމަ ބޮޑަށް ބެލެވެނީ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރަމުން އަންނާނެ ކަމަށެވެ. އަދި މިރެއާ މާދަމާ އުތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އިންޑިއާގެ އާރުއެސްއެމްސީން ލަފާކުރާގޮތުގައި ލަކްޝަޑްވީޕާއި ކަރްނާޓަކާގެ ކޯސްޓަލް ޒޯނާއި ދެކުނު ތަމިލްނާޑޫއަށް ކުރިއަށް އޮތް ދެ ދުވަހު ވިއްސާރައެވެ. ހާއްސަކޮށް މަލިކު ހިމެނޭ ލަކްޝަޑްވީޕަށް "އެކްސްޓްރީމްލީ ހެވީ ފޯލްސް" ކަމުގައި އަންދާޒާ ކުރެއެވެ.

މި ތޫފާނުގައި ވައިގެ ހާލަތު

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި މިހާރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައި އެންމެ ގަދަވާނީ ގަޑިއަކު 50 މޭލަށެވެ. އިންޑިއާގެ އާރުއެސްއެމްސީން ލަފާކުރާގޮތުގައި ކުރިއަށް އޮތް 12 ގަޑިއިރު މި ސަރަހައްދުގެ ވައި ހުރީ ގަޑިއަކު 31 މޭލާއި 37 މޭލުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމުގައި އަންދާޒާ ކުރެއެވެ.

ވައި އެންމެ ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ މާދަމާ ހެނދުނުގެ ވަގުތަށެވެ. އެވެސް ލަކްޝަޑްވީޕް ސަރަހައްދަށެވެ. ގަޑިއަކު ގާތްގަނޑަކަށް 70 މޭލަށް ވައި ގަދަވާނެ ކަމަށް އެ ސަރަހައްދަށް އެ ވަގުތަށް އަންދާޒާ ކޮށްފައިވެއެވެ.

މި ތޫފާނުގައި ކަނޑުގެ ހާލަތު

ކޮމޮރިން ރާއްޖެ ސަރަހައްދުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިންޑިއާގެ މޫސުމާއިބެހޭ ގައުމީ އިދާރާއިންވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިންވެސް ބުނެފައިވެއެވެ.

މި ތޫފާނުގައި ވާނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުން

ގެއްލުން ބޮޑަށް ވާނެ ކަމަށް އަންދާޒާ ކުރެވެނީވެސް ހަމަ ލަކްޝަޑްވީޕާއި އިންޑިއާގެ ކެރެލާ ހިސާބަށެވެ. އެގޮތުން ބީޗް ސަރަހައްދުގައި ހަދާފައި ހުންނަ ހަޓްތަކާއި ބައެއް ގެތަކުގެ ފުރާޅު އެއްލާލުން، ކަރަންޓު ކެނޑޭ ފަދަ ހާލަތަކަށް ދިއުން، ގަސްގަހުގެ އޮފިގަނޑު ވެއްޓުން، ބައެއް ގަސްގަސް އުފުރިގެން ވެއްޓުން، ދޮންކެޔޮ ގަހާއި ފަޅޯގަސް ފަދަ ގަސްގަސް ވެއްޓުން ފަދަ ގެއްލުންތައް ލަކްޝަޑްވީޕާއި ކެރެލާ ސްޓޭޓަށް ވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް