ބާ ކައުންސިލަށް ހުށަހެޅުނު ވަކީލެއްގެ ފުރަތަމަ މައްސަލައަކަށް ޑރ. ޖަމީލުގެ މައްސަލައެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލުކަން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގަބޫލުކުރެއްވި މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮ...

30 Oct 2019 | 13:56

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލުކަން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގަބޫލުކުރެއްވި މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީއަކުން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަކި ކުރި ގޮތާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަތުމުގައި އާއި އެ މައްސަލާގެ ބެންޗުގައި ފަނޑިޔާރު އާދަމް ހިމެނިވެވަޑައިގަންނަވާ ކަމަށެވެ.

އެހެންވީއިރު ޖަމީލަކީ ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާ މައްސަލައެއްގެ އެއް ހަސްމެވެ. އެހެންވެ ކޮމިޓީއިން ވަނީ ފަނޑިޔާރުގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައިނުގަތުމަށް މިއަދު ނިންމާފަ އެވެ. ނަމަވެސް މިހާރު ޖަމީލުގެ މައްސަލައިން ފަނޑިޔާރު އާދަމް ވަނީ ތަނާޒަލްވެވަޑައިގެންފަ އެވެ. ނަމަވެސް ޖޭއެސްސީއިން ބުނީ އެއީ ދުސްތޫރީ މައްސަލައަކަށްވާއިރު މައްސަލަ ބައްލަވާނީ ފުލް ބެންޗަކުން ކަމަށެވެ.

ސުޕްރީމް ކޯޓުގައި ޖަމީލުގެ މައްސަލަ އޮތްވައި ޖަމީލާ އަމިއްލަ ބޭނުމެއްގައި މުއާމަލާތްކޮށް ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި މަސްލަހަތު ގަސްދުގައި ފުށުއަރުވާލުމަށްފަހު އަމިއްލަ މަންފާއެއް ހާސިލްކުރުމަށްޓަކައި ފަނޑިޔާރު ކަމުގެ ޒިންމާ އަދާކުރުމުން ތަނާޒަލްވުމަކީ ފަނޑިޔާރުގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް ބަޔާނުގައި ބުންޏެވެ. އެހެންވެ އެ މައްސަލަ ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީގެ ބަޔާނުގައި ބުނީ ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުގެ މަސްލަހަތާއި މުއައްކިލްގެ މަސްލަހަތާ ފުށުއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އާންމު މުޖުތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިގެންދާފަދަ އެއްވެސް ކަމެއް ވެސް ވަކީލަކު ކޮށްގެން ނުވާނެ ކަމަށްވެސް އެގާނުގައި ބަޔާންކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހަމަ އެ ގާނޫނުގައި ވަކީލެއްގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވާއިރު ޑރ. ޖަމީލު ހަސްމެއްގެ ގޮތުގައި ހިމެނޭ މައްސަލައެއްގެ ފަނޑިޔާރަކާ މުއާމަލާތްކޮށް، އޭނާގެ ވަކީލުކަން ގަބޫލުކުރުމަކީ ގާނޫނުގައި ބުނާ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެންވެ ގާނޫނީ ފަންނުގެ ގާނޫނުން އުފެއްދި ބާ ކައުންސިލަށް އޭނާގެ މައްސަލަ ހުށަހަޅަން ނިންމީ ކަމަށެވެ. މިއީ ބާ ކައުންސިލަށް ހުށަހެޅުނު ވަކީލެއްގެ ފުރަތަމަ މައްސަލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް