މިހާރު ރާއްޖެ-ލަންކާ-އަދި ލަކްޝަދްވީޕް ސަރަހައްދުގައިއ އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމުގައި އިންޑިއާގެ މޫސުމާއިބެހޭ މައި އިދާރާއިން ހާމަކޮށްފިއެވެ.
ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮކިލް ސެންޓަރ (އާރުއެސްއެމްސީ) އަކީ މި ސަރަހައްދުގައި ހިނގާ މިފަދަ މޫސުމީ ކަންކަމާ ބެހޭ އެންމެ އިސް އިދާރާއެވެ.
ރާއްޖެ ލަންކާ އަދި އިންޑިއާ ގުޅޭ ސަރަހައްދު ކަމަށްވާ ކޮމޮރިން ސަރަހައްދުގައި މީގެ ދެތިން ދުވަސް ކުރިން އުފެދެން ފެށި ކޮޅިގަނޑު އިއްޔެ "ވެލް ފޯމްޑް ޑިޕްރެޝަން" އަކަށް ބަދަލުވެ އަދި މިއަދު "ޑިޕްރެޝަން" އަކަށް ބަދަލުވެފައިވާއިރު އާރުއެސްއެމްސީން ނިމުތު ކުރަނީ ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި މި "ޑިޕްރެޝަން"، "ޑީޕް ޑިޕްރެޝަނަކަށް" ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހަމަ އެހެންމެ "ޑީޕް ޑިޕްރެޝަން" އޭގެ ފަހުން އަންނަ 12 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިއާއެކު ލަކްޝަޑްވީޕް ސަރަހައްދަށް "ޕްރީ ސައިކްލޯނިކް ވޮޗް" ވެސް މިވަނީ ނެރެފައެވެ.
މި ކޮޅިގަނޑު ދަތުރުކުރަނީ ރާއްޖެއާ ދުރަށް
މި ކޮޅިގަނޑު އުފެދުނީ ކޮމޮރިން ސަރަހައްދުގައި ނަމަވެސް މި ކޮޅިގަނޑުގެ މިސްރާބު ހުރީ ރާއްޖެއާ ދުރަށް ގޮސް އަރަބި ކަނޑަށެވެ. އަދި ބާރު ގަދަވަމުން އަންނަ އިރު މިސްރާބަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް އަދި ނިމުތުކޮށްފައެއް ނުވެއެވެ. މި ކޮޅިގަނޑު މިހާރު އަންނަނީ ގަޑިއަކު 35 ކިލޯމީޓަރަށް ދަތުރުކުރަމުންނެވެ. އެއީ ފާއިތުވި ހަ ގަޑިއިރު މި ކޮޅިގަނޑުގެ "މޫވްމަންޓަށް" ބަލާއިރުގައެވެ.
ތޫފާނަކަށް ބަދަލުވެ ބާރުގަދަ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބަ އޮތް
އާރުއެސްއެމްސީން ނިމުތުކުރާ ގޮތުގައި ކޮޅިގަނޑު މިއަދު މެންދުރު 12:00 ހާއިރު ޑިޕްރެޝަނަކަށް ބަދަލުވެފައިވާއިރު މިރޭ 11:30 ހާއިރު ޑީޕް ޑިޕްރެޝަނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މާދަމާ މެންދުރު 12:00 ހާއިރު ސައިކްލޯނިކް ސްޓޯމް (ތޫފާނަކަށް) ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ސިވިއަރ ސައިކްލޯނިކް ސްޓޯމަކަށް (ބާރުގަދަ ތޫފާނަކަށް) ބަދަލުވުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށް ބުނެފައިވެއެވެ.
ތޫފާނަކަށް ބަދަލުވިނަމަވެސް ރާއްޖެއަށް އެހާ ނުރައްކާ ނުވެދާނެ
މި ކޮޅިގަނޑު ދަތުރުކުރަމުން އަންނަ މިސްރާބަށް ބަލާއިރު ތުފާނަކަށް ބަދަލުވި ނަމަވެސް ތޫފާނަކަށް ބަދަލުވާއިރު އޮންނާނެ ކަމަށް ބެލެވެނީ ރާއްޖެއާއި ތަންކޮޅެއް ދުރުގައި ކަމަށް ބެލެވެއެވެ. އެހެންކަމުން ރާއްޖެއަށް އެހާ ނުރައްކާ ނުވެދާނެ ކަމަށް ބެލެވެއެވެ.
އިންޑިއާއަށް ނުރައްކާ ބޮޑު
އިންޑިއާގެ އެއް ފަރާތުން ތޫފާން ކިޔާރު އިންޑިއާ އާއި ކައިރިވަމުން އަންނައިރު އެ ތޫފާނުގެ ބާރު އަންނަނީ ދަށްވަމުންނެވެ. އެހެން ނަމަވެސް ރާއްޖެ ސަރަހައްދުގައި އުފެދިފައިމިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމުގައި ބެލެވޭއިރު އަދި ދަތުރުކުރަމުން އެދަނީ އަރަބި ކަނޑަށް ކަމުގައިވާއިރު އިންޑިއާއަށް ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވެއެވެ.
ކޮމޮރިން-ރާއްޖެ-ލަކްޝަޑްވީޕް ސަރަހައްދަށް އެއްގޮތަކަށްވެސް މަސްވެރިކަމަށް ނުނިކުތުމަށް އިލްތިމާސް ކުރޭ
އާރުއެސްއެމްސީން ބުނެފައިވާގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ކޮމޮރިން-ރާއްޖެ އަދި ލަކްޝަޑްވީޕުން ފެށިގެން ކެރެލާ-ކަރްނާޓަކާ ބޭރަށް މަސްވެރިކަމަށް އެއްގޮތަކަށްވެސް ނުނިކުތުމަށް އިލްތިމާސް ކުރެއެވެ. މަސްވެރި ކަމުގައި ނޫން ގޮތަކަށް ނަމަވެސް ކަނޑު ދަތުރުފަތުރުކުރުން ރައްކާތެރިއެއް ނޫނެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވި ނަމަވެސް، ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމުން އަންނަ ހުކުރު ދުވަހަށްފަހު ރާއްޖޭގެ އުތުރަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހާރުވެސް، ރާއްޖޭގެ އުތުރަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވަގުތަކީ މިރޭ 06:00 އިން މިރޭ 10:00 އަށެވެ. ލަފާ ކުރަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް