އިނގިރޭސިވިލާތުގެ އައު ސަފީރު ފޮރިން މިނިސްޓަރުގެ އަރިހަށް ޒިޔާރަތްކުރައްވައިފި

ދިވެހިރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑަރ ކެރޮން ރޮސްލަރ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ފޮރިން މިނި...

30 Oct 2019 | 10:27

ދިވެހިރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑަރ ކެރޮން ރޮސްލަރ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު މި ބައްދަލުކުރެއްވުން އޮތީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް އެރުވުމަށްފަހުއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ސަފީރުކަމާއި ހަވާލުވެވަޑައިގަތުމުންނާއި އަދި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވުމާއި ގުޅިގެން ސަފީރަށް މަރުޙަބާ ދަންނަވާފައެވެ. ސަފީރު ރޮސްލަރގެ ދައުރުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިހާރުވެސް އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓަރ ޝާހިދާއި ސަފީރުއާއި ދެބޭފުޅުން ވަނީ ޓެރަރިޒަމް ހުއްޓުވުމާއި، އޭވިއޭޝަން ސެކިއުރިޓީއާއި، ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ދާއިރާ ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ރޮސްލަރ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ދިވެހި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދަށް ދެއްވިއެވެ. އަދި ގުޅުންތައް ބަދަހިކުރެއްވުމަށް ކުރެވިދާނެ ބައެއް މަސައްކަތްތަކާއި ބެހޭ ގޮތުން ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި ޑިރެކްޓަރ ޝިއުނީން ރަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް