ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ގަސްތަކަށް ގެއްލުންދޭތީ އެންވަޔަރަމެންޓް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުރި ގަސްތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ދަށުން 15 ޑިސެމްބަރ 2018ގައި ފެށި މުޅި ރާއްޖެ ފެހުކުރުމުގެ ޕްރޮގްރާމުގެ ދަށުން އިންދާފައިވާ ގަސްތަކެކެވެ. މި ގަސްތަކަކީ އެ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިންދާފައިވާ ގަސްތަކެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެމިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ބައެއް ފަރާތްތަކުން އަމަލުތައް ބަހައްޓާގޮތުން ގަސްތައް މަރުވަމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން، މި ގަސްތައް ހެލުވުމާއި، ގަސްގަހުގައި ބަރުތަކެތި ލައްގާފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް އެޓުވީޓުގައި ވެއެވެ. އަދި ހާއްސަގޮތެއްގައި ލޯންޗު ފަހަރުން ބަދަލުކުރާ އަޑީތެޔޮ މި ގަސްތަކުގެ ބުޑަށް އަޅާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިފަދަ ކަންކަކަމަކީ ކޮންމެ ބޭފުޅެއްގެ ވެސް ފަރުދީ ޒިންމާކަމަށް ދެކިގެން، މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެ ބޭފުޅަކުވެސް ރާއްޖޭގެ ފެހިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް