ސުޕްރީމް ކޯޓަށް މަހާޒު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މަހާޒު އަލީ ސައީދު އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ...

30 Oct 2019 | 08:36

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މަހާޒު އަލީ ސައީދު އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަހާޒު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 55 މެންބަރުންނެވެ.

މަހާޒަކީ ޑްރަގް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މަހާޒުގެ އިތުރުން އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ އިތުރު ނަމެއް މަޖިލީހަށް ހުށަހެޅުއްވިއެވެ. އެއީ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދެވެ.

ދިޔާނާ އާއި މަހާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވެސް "ހައިލީ ރިކަމެންޑު" ކޮށްފައިވާ ދެ ނަމެވެ.

މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފައެވެ. އެއީ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީވެސް ހައިކޯޓުގެ ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ މަޖިލީހުން ރުހުން ހޯދުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް