މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 251 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ 125 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ކުޑަކުދިންގެ ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އެނެމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކުދިންނަށް އިހުމާލުވި މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އިހުމާލުވި 37 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ އަދި ޖިންސީ ހާނީއްކައިގެ 24 މައްސަލަ ހިމެނެއެވެ.
މީގެއިތުރުން، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައަކާއި، ނަފްސާނީ ހާނީއްކައިގެ 12 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ހަތަރު މައްސަލައެއްގެ އިތުރުން، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 3 މައްސަލައެއް ހިމެނެއެވެ. ކުޑަކުދިންނަށް ލިބެންޖެހޭ ހައްގުތަކުން އެކުދިން މަހުރޫމުކުރި ހަތް މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ޖެންޑާއަށް އާއިލީ 26 މައްސަލައެއް ހުށަހަޅާފައިވާއިރު، އެކި ބާވަތުގެ ކުށަކުރާ ކުޑަކުދިންގެ ހަ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ކުޑަކުދިންގެ އަހުލާގީ 14 މައްސަލައެއް ވަނީ ޖެންޑާއިން ބަލާފައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ މިދިޔަ މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 23 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހަޅައިފައެވެ.
މީގެއިތުރުން، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލަ މިދިޔަ މަހު އެނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް