ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު މިވަނީ އިތުރަށް ބާރުގަދަވެ "ޑިޕްރެޝަނަކަށް" (ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލުވެފައި ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ މޫސުމާއިބެހޭ ހަބަރުގައެވެ.
އެ ހަބަރުގައި ބުނެފައިވާގޮތުގައި މިހާރު މި ކޮޅިގަނޑު ހުރީ ހއ. ތުރާކުނުގެ އިރުން 370 ކިލޯ މީޓަރު ދުރުގައެވެ. އެހެންނަމަވެސް މިކޮޅިގަނޑާއި ގުޅިފައިވާ ބޯ ވިއްސާރަ ވިލާތައް އަދިވެސް އުތުރާއި މެދުރާއްޖެތެރޭގެ މައްޗަށް އަރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
"ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ހުޅަނގުއުތުރަށް ދަތުރުކޮށް، ރާއްޖެއާއި ދުރަށް ޖެހެމުންދާނެއެވެ" އެ ހަބަރުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެއާއެކު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވާނެކަމުގައިވެސް ބުނެފައިވެއެވެ.
ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް