ބާރު އޮތީމަ ބޭނުން ގޮތަކަށް ކަން ކުރިޔަސް، ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ: ޑރ. ޖަމީލް

ބާރު އޮތުމުން ހިތުހުރި ގޮތަކަަށް އަމަލު ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީވެ ނިމިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއ...

30 Oct 2019 | 07:49

ބާރު އޮތުމުން ހިތުހުރި ގޮތަކަަށް އަމަލު ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީވެ ނިމިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ތަހުގީގު ކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ކޮމިޓީގެ ނިންމުމާ ގުޅިގެންނެވެ. މިއަދު ޖޭއެސްސީގެ ކޮމިޓީއިން ނިންމީ ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައި ނުގަތުމަށެވެ.

މައްސަލަ ބަލާ ކޮމިޓީގެ ރައީސް، މަސްތޫރު ހުސްނީ އަޑުއެހުން ފެއްޓެވުމަށްފަހު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން ފަނޑިޔާރު އާދަމް ވެސް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، މިއަދުގެ އަޑުއެހުން ނިންމާލައި އެހެން ވަކީލަކު ހޯދުމަށް ފަނޑިޔާރަށް މަސްތޫރު އެންގެވި އެވެ. އޭރު ފަނޑިޔާރު އިންނެވީ ވާހަކަ ދެއްކެވުމަށް ފުރުސަތަކަށް އެދިވަޑައިގެންނެވެ. ނަމަވެސް ފަނޑިޔާރަށް އެއްވެސް ފުރުސަތެއް މެންބަރުން ނުދެއްވި އެވެ. ފަނޑިޔާރު ވާހަކަ ދައްކަވަނިކޮށް ކޮމިޓީގެ މެންބަރުން ވަނީ މަޖިލީހުން ނުކުމެވަޑައިގެންފަ އެވެ. ހަމަ އެވަގުތު ޖަމީލް ވަނީ "މިއަދު ބާރު އޮތުމުން ކޮންމެ ގޮތަކަށް ވެސް އަމަލު ކުރެވިދާނެ" ކަމަށް ވިދާޅުވެ ނުރުހުންފާޅު ކުރައްވާފައެވެ.

އޭގެ ފަހުން ޖަމީލު ޓްވީޓެއް ކުރައްވައި ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.

"ޖޭއެސްސީ ލަދުވެތިވާންޖެހޭ، އަމިއްލަ އަށް ބޭނުން ގޮތެއް ނިންމައި، ބަހެއް ބުނެލުމުގެ ފުރުސަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދީ، ބާރު އޮތްކަން ދައްކާލީ، ތިހާވަރަކަށް ޖުޑިޝަރީ އިސްލާހު ކުރެވޭނީ،" ޖަމީލު ވިދާޅުވި އެވެ.

https://twitter.com/MJameelAhmed/status/1189428699403177990

https://twitter.com/MJameelAhmed/status/1189428763626360832

ފަނޑިޔާރު އާދަމް މިއަދު ވިދާޅުވި ގޮތުގައި އޭނާގެ ހައްގަށް ޖޭއެސްސީއިން އަރައިގަތީ އެވެ. އެމީހަކު ބޭނުންވާ ވަކީލެއް އައްޔަންކޮށްގެން މައްސަލަތަކުގައި ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އޭނާ މައްސަލައިން ތަނާޒަލްވެފައިވާ ކަމުގެ ލިޔުން ޖޭއެސްސީއަށް ލިބިފައިވާ ކަމަށް އިއުތިރާފުވެ އެ ލިޔުމަށް ރިއާޔަތް ނުކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް