އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް މާލޭ ސިޓީ ކައުންސިލުގެ އިދާރާ އަށް ވަދެއްޖެއެވެ.
އޭސީސީން މާލޭ ސިޓީ ކައުންސިލަށް ވަދެފައިމިވަނީ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް ސިޓީ ކައުންސިލުން ލިޔެކިޔުމަށް ބަދަލު ގެންނަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ރޭ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
އޭސީސީން އެ މައްސަލަ ބަލަމުން އަންނައިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ލިޔެކިޔުންތައް ބަދަލުކުރާ ކަމުގެ ތުހުމަތު ކޮށްފައި ވަނީ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީނާއި އެ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރެވެ.
ސިޓީ ކައުންސުލްގެ ކޮރަޕްޝަނާއި ގުޅޭ ގޮތުން މިހާތަނަށް މީޑިއާގައި މާ ބޮޑު އެއްޗެއް ސިޓީ ކައުންސިލްގެ މޭޔަރު ސިފާ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވާ ލިޔެކިޔުންތައް ބަދަލުކުރާ ވާހަކަ އާއި ވައްކަމުގެ އިލްޒާމުތައް އަޅުވަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު ވެގެން ފެށުނީއްސުރެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ އަދި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ބައެއް ކައުންސިލަރުން ތުހުމަތުތަކެއް ކުރީ އޭނާ ރާއްޖެ އިން ބޭރަށް ދިޔަ ވަގުތު ބަލާފައި ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ދެ ކައުންސިލަރަކު ތުހުމަތުކުރާއިރު އެ ޕާކުގެ މަސައްކަތް ނިންމައި ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ގައެވެ. އެ ޕާކުގެ ބޮޑު ބައެއް މިހާރު ވެސް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް