ވަގު ހިފާ ހައްޔަރުކޮށް ހައްގު އަދަބު ދޭންޖެހޭ: އަފީފު

ދައުލަތުގެ ބައިތުލްމާލުން ވައްކަން ކޮށްގެން ތިބި ވަގުން، ހިފާ ހައްޔަރުކޮށް ގާނޫނުގައި އޮންނަ ހައްގު އަދަބު އެމީހުންނަށް ދޭންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވ...

30 Oct 2019 | 07:16

ދައުލަތުގެ ބައިތުލްމާލުން ވައްކަން ކޮށްގެން ތިބި ވަގުން، ހިފާ ހައްޔަރުކޮށް ގާނޫނުގައި އޮންނަ ހައްގު އަދަބު އެމީހުންނަށް ދޭންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ހަސަން އަފީފު މިފަދައިން ވިދާޅުވެ ފާޑު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނު ދާދިފަހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުންނެވެ. ގައްސާން ވިދާޅުވީ ފުލުހަށް ހާޒިރުކުރީ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ ވާހަކަ އެހެން ދިމާލަކަށް އަނބުރާލަން ކަމަށެވެ.

އަފީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ފުލުހަށް ގެންދިޔުމުން އެއީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން ވެގެން ކުރާ ކަމެއް ކަމަށް ބުނެ ވާހަކަދައްކަމުންދާ ކަމަށާއި ނަމަވެސް ހަގީގަތުގައި ކަން އޮތީ އެގޮތަށް ނޫން ކަމަށެވެ.

އަފީފު ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ހުކުމް ކުރާނެ ކަމަށެވެ. އަދި އެހުކުމާއި އެކު ދެން ތިއްބެވި ބޭފުޅުންވެސް އެކަމާއި މެދު ވިސްނަން ފަށާނެ ކަމަށް އަފީފު ވިދާޅުވިއެވެ.

"ތިމަންނާމެން ވެސް މިތިބީ ވައްކަންކޮށްގެންނޭ. ތިމަންނާމެންގެ މައްޗަށް ވެސް މި ހުކުމް އަންނާނެއޭ" އަފީފް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއި އޭސީސީއާ އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މަޖިލިސް މެންބަރުންގެ އަދަދު 16އަށް އަރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް