ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެއްޖެ

ރާއްޖެއާއި ލަންކާއާއި ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ، "ވެލް ފޯމްޑް ޑިޕްރެޝަން" އަކުން "ޑިޕްރެޝަން" އަކަށް ބަދަލުވެއްޖެއެވެ. އިންޑިއާގެ މޫސުމާއިބެހޭ ސަރަހައްދީ އިދާރާގެ އެންމެ...

30 Oct 2019 | 04:48

ރާއްޖެއާއި ލަންކާއާއި ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ، "ވެލް ފޯމްޑް ޑިޕްރެޝަން" އަކުން "ޑިޕްރެޝަން" އަކަށް ބަދަލުވެއްޖެއެވެ.

އިންޑިއާގެ މޫސުމާއިބެހޭ ސަރަހައްދީ އިދާރާގެ އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ކޮޅިގަނޑު ހުރީ މާލެ އާއި އިރު-އުތުރު އިރުން 390 ކިލޯ މީޓަރު ދުރުގައެވެ. އަދި މަލިކާވެސް އެހާ ދުރުމިނެއްގައެވެ.

މި ކޮޅިގަނޑު ދަތުރުކުރާނީ ހުޅަނގު އުތުރަށް ކަމަށް އަންދާޒާ ކޮށްފައިވާއިރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ "ޑީޕް ޑިޕްރެޝަން" އަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވެއެވެ.

މި ކޮޅިގަނޑުގެ ސަބަބުން އިންޑިއާގެ އައްސޭރިފަށުގައި އޮންނަ ކަންޔާކުމާރީ އާއި ރާއްޖެ ސަރަހައްދުގެ ކަނޑު ކަދަވާނެ ކަމަށާއި އަދި ބައެއް ފަހަރު ވަރަށް ގަދަވާނެ ކަމުގައި ބުނެފައިވެއެވެ. ކަންޔާކުމާރީ ސަރަހައްދާއި ރާއްޖެ ސަރަހައްދުގައި މަސްވެރިން ނިކުމެ އުޅުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައިވެސް ބުނެފައިވެއެވެ.

މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެފައިވާކަމަށް އިންޑިއާއިން ބުނެފައިވާއިރު ރާއްޖޭގެ މޫސުމއިބެހޭ ގައުމީ އިދާރާއިން މިހާރުވެސް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:00 އާއި މެންދުރު 12:00 އާއި ދެމެދުގެ ވަގުތުތަކަށެވެ.

މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް