އެރެއަށްފަހު- ތޭވީސްވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "ނަޒޭ" ސިމައްޓެ އަވަހަށް ނަޒާންގެ ގައިގައި ބައްދައިލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ގޮސް ވަނީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށެވެ. "އޭ ބްރޯސް ބަލާބެ މިއައީ ކާކުކަން" ކޮޓަރ...

30 Oct 2019 | 04:26

ކުރީގެ އަދަދާ ގުޅޭ...

"ނަޒޭ" ސިމައްޓެ އަވަހަށް ނަޒާންގެ ގައިގައި ބައްދައިލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ގޮސް ވަނީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށެވެ.

"އޭ ބްރޯސް ބަލާބެ މިއައީ ކާކުކަން" ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ސިމައްޓެ ގޮވައިލިއެވެ. އެނދުގައި އޮށޯވެ ސިނގިރެޓެއް ބޯން އޮތް ހަމްދާން ބޯ ހިއްލައިލިއެވެ. އެވަގުތު ފާހާނާ ތެރެއިން އަންހެން ކުއްޖެއްގެ ފަހަތުން ނިކުތް އިމާދަށް ނަޒާން ބަލައިލިއެވެ. އެއަންހެން ކުއްޖާ ނިކުމެގެން ދިއުމުން ސިމައްޓެ އަވަހަށް ކޮޓަރި ތަޅުލިއެވެ. ނަޒާން ހުރީ އެމީހުން ކުރިމަތީ ބީރައްޓެހި ވެފައެވެ. އިމާދު އަދި ހަމްދާން ވެސް އުފަލުން އައިސް ނަޒާންގެ ގައިގައި ބައްދައިލިއެވެ. ނަމަވެސް ނަޒާންގެ ހަރަކާތްތައް ހުރީ މުޅިން ތަފާތު ގޮތަކަށެވެ. ހީވަނީ އޭނާ އެމީހުންނާއި އެބައްދަލުވީ މުޅިން އަލަށް ހެންނެވެ.

އެނދުގެ އެއްކޮޅުގައި ސިނގިރޭޓް ބޯން އިން އިމާދުގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ނަޒާންގެ މޫނަކުން ވަތްކެއް ނުވެއެވެ. އޭނާ ބަލަން އިނީ މުޅިން އެހެން ފާޑަކަށެވެ. އޭނާ އިނީ ވަރަށް ބޮޑު ވިސްނުމަކަށް ގެއްލިފައެވެ. ހަމްދާން އަނެއްކާވެސް ހަމަ އެއޮތްގޮތަށް އެނދުގައި އޮށޯވެ ސިނގިރޭޓު ބޯން ފެށިއެވެ.

"ނަޒޭ ޖައްސާލަބަލަ ވަރަށް ވާހަކަ އެބަހުއްޓޭ" ނަޒާންގެ އަތުގައި ހިފައި އެނދުގައި ބައިންދަމުން ސިމައްޓެ ބުންޏެވެ.

"ކައެ ކިހިނެއްވެފަ ތީނީ؟ އުފަލެއް ނުވޭތަ އަހަރުން އައީމަ؟" ނަޒާންގެ މޫނަށް ބަލައިލަމުން ސިމައްޓެ އަހައިލިއެވެ. ދެންވެސް ނަޒާން އިނީ ދޭނެ ޖަވާބެއް ނޭންގިފައެވެ.

އެވަގުތު ނަޒާންގެ ފޯނު ރިންގުވާން ފެށުމުން ފޯނަށް ބަލައިލިއެވެ. ގުޅަނީ ޝައިލާ އެވެ. އެ ނަމާއި ފޯނުގެ ސްކްރީނުން ފެންނަ ފޮޓޯއަށް ސިމައްޓެ ބަލައިލިއެވެ.

"ސަޅި ބިޓެކޭ ގެންގުޅެނީ ދޯ؟ ކޮންތާކުން ހޯދި ޗިކެއް؟" އެވަގުތު ކުއްލި ނަޒަރެއް ސިމައްޓެގެ މޫނަށް ނަޒާން ދިނެވެ.

"އެމަންޖެ މަށަށް ހީވަނީ ސިކުނޑި މައްސަލަ ހުންނަނީހެން... ކުރީ ރޭވެސް މާރުކޭޓު ކައިރީ އިންދަ ފެނުނީ" އޮށޯވެ އޮތް ހަމްދާން ގޮވައިލިއެވެ. ދެން ވެސް ނަޒާން އިނީ އިސްޖަހައިގެން މުށިތަކަށް ބަލާށެވެ. އޭނާ އައީ ވަރަށް ވާހަކަ ދައްކަން ތައްޔާރުވެގެންނެވެ. ނަމަވެސް އެންމެ ގާތް މީހުން ފެނުނީމައި ހިތްވަރު އެލިއްޖެ އެވެ.

ސިމައްޓެ ސިނގިރޭޓެއް ދިނުމުންވެސް ނަޒާން އެކަން މަނާ ކުރިއެވެ. އެމީހުން ހީހީފައި ޖަލުގައި ތިބެގެން ކުރި އެތައް ކަމެއްގެ ވާހަކަ ދެއްކިއެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން ނަޒާން އިނީ އިސްޖަހައިގެންނެވެ.

"މަ ބުނީމެއްނު... މިގޮލާ މީ މިހާރު އަހަރުންގެ މީހެއް ނޫނޭ..." ނަޒާންގެ މޫނަށް އެހުރިހާ އިރު ބަލަން އިނުމަށްފަހު ކުއްލިއަކަށް އިމާދު ބުނެލިއެވެ. އެއަޑަށް ހަމްދާން ވެސް އެނދުން ތެދުވެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ.

"ކައެ ހަނދާންކުރާތި އަހަރެމެން ކައިރިން ވަކިވެގަންނަން އުޅެފިއްޔާ ކައެގެ ދުވަސް ދާނެ" ނަޒާންގެ ގިރުވާނުގައި ހިފައި ކޮޅަށް ނަގަމުން އިމާދު ބުނެލިއެވެ. ސިމައްޓެ އަވަހަށް އައިސް އިމާދު ދުރުކޮށްލިއެވެ.

"އޭ އިންމަ ކައެ މޮޔަވީތަ؟ މިތާ މީހަކު ހާޑުވާވަރު ކަމެއް ނުވެޔޭ އަދި ހަމަޖެބެ" އިމާދު ފަހަތަށް ޖައްސައިލަމުން ސިމައްޓެ ބުނެލިއެވެ.

"ނަޒޭ ކައެ މިތަނަށް ވަނީއްސުރެ ހައްޕު ކިޔައިގެން އިނީމަ އަހަރުންނަށް ވަރަށް ގިނަ ކަންކަން ހާމަވެއްޖެ... އަހަރުން ދުވަސްކޮޅެއްވެއްޖެ ކައެއަށް ފާރަލާތާވެސް... ހުވާ މިބުނީ އަހަރެމެން ވަރަށް ދެރަވާނެ ކައެ މިގޭންގާ ދުރަށް ދާން ވިސްނައިފިއްޔާ" ނަޒާންގެ ކޮނޑުގައި އަތް ބާއްވައިލަމުން ސިމައްޓެ ބުނެލިއެވެ. އަނެއް ދެމީހުންވެސް ތިބީ ސިމައްޓެގެ ވާހަކަ ކަނުލައި އަޑު އަހާށެވެ. ތިން މީހުން މިހާރު އިންތިޒާރު ކުރަމުން އެދަނީ ނަޒާން ދޭނެ ޖަވާބަކަށެވެ.

"މަ ބޭނުމެއް ނޫން މިހާރު މިހެން އުޅޭކަށް... މަ ވަރަށް މަސައްކަތް ކޮށްގެން އިސްލާހުވީ" ނަޒާންގެ ދުލުހުން ފުރަތަމަ ފަހަރަށް ބަސްތަކެއް ނިކުތެވެ. އެބަސްތަކުން އެމީހުންގެ ރުޅިގަނޑު ފަޅައިގެން ދާން ކައިރިވިއެވެ.

"އިސްލާހޭ؟ ކައެއަށް އިނގޭތަ އެބުނެވޭ އެއްޗެއް؟ ބުރޯ އަންހެން ކުއްޖަކު ނޮޅާ ކައިލީ އަހަރެމެން ހަތަރު މީހުން... އެވަރު މީހަކު އިސްލާހުވޭތަ؟" އެމީހުންގެ މާޒީ ހަނދާންކޮށްދިނީ ހަމްދާނެވެ.

"ހަމަޖެހިބެ ހަމޭ... އޭނާ ނުކުރޭދޯ އެކަހަލަ ކަމެއް" ސިމައްޓެ ބެލީ ޒުވާބުނުކޮށް މަސްލަހަތު ހިފެހެއްޓޭތޯ އެވެ.

"އޭނާވެސް ބައިވެރި ނުވާ ކަމަކަށް ނުވާނެ... އަންހެނަކާ ހިތާވެގެން ފެންވަރު އޮޅިގެން އުޅެނީ ކައެ... ހަނދާން ނައްތާނުލައްޗޭ އަހަރެމެންކަން ކަލޭ ސަލާމަތްކުރީ... އަހަރެމެން ތިން މީހުން ކައެ ސިއްރުނުކުރިނަމަ ކައެވެސް އިންނަން ޖެހުނީހީ ކުޑަގޮޅީގަ... އަނގަފުރާލާފަ އިސްލާހޭ ބުނެފިއެއްނު" ނަޒާންގެ ކުރިމައްޗަށް އެރުމަށްފަހު އިމާދު ހަޅޭއްލަވަމުން ދިޔައެވެ.

"އިންމަ އޭ... ފަހަތަށް ޖެހިބަލަ މައެ ވާހަކަ ދައްކާނަން" އަނެއްކާވެސް އިމާދު ފަހަތަށް ޖައްސައިލަމުން ސިމައްޓެ ވާހަކަ ދެއްކިއެވެ.

"ނަޒޭ ކީކޭ ކިޔަން ތިއުޅެނީ؟" މިފަހަރު ސިމައްޓެގެ ރާގު ވެސް ވަނީ ބަދަލުވެފައެވެ. ނަޒާން ވަކިވަކިން ތިން މީހުންގެ މޫނަށް ބަލައިލިއެވެ.

"އަހަރެން މިބުނީ އަހަރެން މިހާރު މީ ކައެމެންގެ މީހެއް ނޫނޭ... ކައެމެން ކުރާ އެއްވެސް ނުބައި ކަމަކު އަހަރެން ބައިވެރިވާކަށް ބޭނުމެއް ނޫނޭ... އަހަރެން މީ މިހާރު މިނިވަން މީހެއް... ކައެމެންގެ އަޅެއް ނޫން... ސިމައްޓެ އަހަރެން ނުބުނަންތަ ކައެ ކައިރީ އަހަރެން ސަލާމަތް ނުކޮށްދިނަސް ހެވޭ... ކައެ އަމިއްލައަށް އަހަރެން ސަލާމަތްކުރަން ބުނީ ފިލައިގެން ދާށޭ... އަހަރެން ގަބޫލުކުރަން އަހަރެން ސަލާމަތްވީ ކައެމެންގެ ސަބަބުންކަން... އެކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ... އަހަރެން ބޭނުމެއް ނޫން މިގޮތެއް.... އަހަރެން ބޭނުމީ ކައެމެންނާ ދުރުވާން..." ތިން މީހުންގެ މޫނަށް ބަލަމުން ނަޒާންގެ ހިތުގައިހުރި ހުރިހާ އެއްޗެއް ކިޔައިލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.

"އަހަރެމެން ކޮށްދިން ހެޔޮކަމަށް ކައެ ކޮށްދިނީ ކޮންކަމެއް ބުރޯ؟ ކައެއަކަށް ސަލާމަތެއް ނުވެވޭނެ" ނަޒާންގެ ގަމީހުގެ ގިރުވާނުގައި ފަހަތުން ހިފަމުން ހަމްދާން ބުނެލިއެވެ. އަދި ކުއްލިއެއް ޖެހުމަށްފަހު ނަޒާން އެނދުމައްޗަށް ހޫރައިލިއެވެ. ނަޒާން ގޮސް އެނދުގައި ޖެހުނުހާ އަވަހަށް އެނދުން ތެދުވެއްޖެ އެވެ.

"ކައެމެން ތިން މީހުން މަ މަރާލާފަ އަލުން ޖަލަށްދޭ... ކޮންމެ ކަމެއް ކުރިޔަސް ހެޔޮ މަށެއް ކައެމެންނަކާ ނުގުޅޭނަން" މޭ ފުއްޕާލާފައި ނަޒާން ބުނެލިއެވެ.

"ކައެ ހަނދާންކުރައްޗޭ ކައެއަށް މިކަމުގެ ހިތި ދައްޔާނަން އަދި" މިފަހަރު އިންޒާރު ދިނީ އިމާދެވެ. ސިމައްޓެ ސޯފާގައި އިށީންގޮތަށް މަންޒަރު ބަލަން އިނީ އެވެ. އޭނާ މިފަހަރު އެކަކު ވެސް ހުއްޓުވާކަށް ނޫޅުނެވެ.

"ހެޔޮ މަށަށް..." މިހެން ބުނުމަށްފަހު ނަޒާން ދާން ހިނގައިގަތެވެ.

"ކައެއަށް އިނގޭތަ ކައެ ހިތާވެގެން ތިއުޅޭ ޝައިލާ އަކީ ކާކުކަން؟" މިފަހަރު ނަޒާންގެ ފިޔަވަޅު ހުއްޓުނީ ސިމައްޓެގެ އަޑުންނެވެ. އެޖުމްލަ ކަންފަތުގައި ޖެހުމާއިއެކު މުޅި ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

ނަޒާންގެ ހިތް އިންތިހާޔަށް ތެޅެން ފެށީ ދެނެވެ. އަޑު އަހަން ބޭނުންނުވާ ހަގީގަތެއް އިވެން އުޅޭކަހަލަ އިހުސާސެއް ކުރެވެން ފަށައިފިއެވެ.

"ކައެ އަޑު އަހާކަށް ބޭނުމެއްވެސް ނުވާނެ... އެކަމަކު ވެސް ކައެ މިރޭ އަހަރުންނަށް ދޯކާ ދިނީމަ އިއްވާލަން ބޭނުން... އަހަރުން ނިންމައިގެން ތިބީ ކައެ އެނބުރި އައީމަ އެކަމުގެ ހިލަމެއްވެސް ކައެއަށް ވިޔަ ނުދޭން... އެކަމަކު އަޑު އަހާ އެއީ..." އިމާދު ބުނަން އުޅުނު ޖުމްލަ ހުއްޓުވީ ސިމައްޓެއެވެ. އެވާހަކަ ބުނާނީ އޭނާ ކަމުގައި އިޝާރާތުން ބުނެލިއެވެ. ނަޒާން އަނެއްކާވެސް ތިން މީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ.

"މިހިރެ ކަންމަތީ ހުރި ގޭގެ ދެވަނަ ބުރީގަ އަހަރުން ހަތަރު މީހުން... ކައެއާ މަށާ އިންމައާ ހަމޭއާ..." ސިމައްޓެ އެހިސާބަށް ބުނެ ހުއްޓައިލުމުން ނަޒާން އަނެއްކާވެސް ދާން ހިނގައިގަތެވެ. އޭނާގެ ޝައްކު ޔަގީނާ ގާތަށް އައިސްފިއެވެ. އިތުރަށް އަޑު އަހާކަށް ބޭނުމެއް ނޫނެވެ.

"އަޑުއަހާ... ކޮންކަމަކާ ތި ފުރަގަސް ދެނީ؟ ބިރުގަންނަނީތަ؟" ނަޒާންގެ އަތުގައި ހިފައި އަނބުރައިލަމުން ހަމްދާން އަހައިލިއެވެ. އޭނާގެ އަނދުން އަޅާ ފުރާފައިހުރި ދެލޯ ވަނީ ރަތްވެފައެވެ.

"އަހަރުން ހަތަރު މީހުން އެގޭތެރޭގަ އެރޭ ރޭޕްކުރި އަންހެން ކުއްޖާ އެއީ... ޝައިލާ ޔާސިރު" ކަރުގެ ނާރުތައް ފުއްޕާލަމުން ސިމައްޓެ ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް