ކޯޓު އަމުރާއެކު އަދީބަށް ކުރާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު އަލުން ފަށަން ތާވަލް ކޮށްފި އެވެ. އެ މައްސަލަތައް ނުބަލަން ނިންމައި ކްރިމިނަލް ...

30 Sep 2020 | 06:46

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު އަލުން ފަށަން ތާވަލް ކޮށްފި އެވެ.

އެ މައްސަލަތައް ނުބަލަން ނިންމައި ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައި އެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ކުށަށް އިއުތިރާފްވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ހައިކޯޓުގެ އަމުރާއި ގުޅިގެން މިއަދު އެ މައްސަލަތަކުގެ ޝަރީއަތް ކުރިޔަށް ގެންދަން ތާވަލު ކޮށްފައިވަނީ މެންދުރު ފަހު 3:00 އަށެވެ.

އަދީބުގެ މައްޗަށް ދައުލަތުް އުފުލި ދައުވާތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތާއި އަދީބާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމަކީ ކޯޓުގެ ދައުރެއް ނޫން ކަމަށެވެ. އެފަަދަ މައްސަލަތަކުގައި ކޯޓުގެ ދައުރަކީ އެފަދަ އެއްބަސްވުމެއް އޮތްތޯ ބެލުމާއި އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އޮތްކަން ދައުވާލިބޭ މީހާ އަށް އެންގުން ކަމަށާއި އަދީބުގެ މައްސަލާގައި އެއްބަސްވުމާ މެދު ގޮތެއް ނިންމީ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް