ދުވަސްގެ ފޮޓޯގްރާފަރަށް އެ ސަރަހައްދަށް ދެވުނީ ގަޑިން، ހަވީރު 3:55ގައެވެ. އެންމެ ފުރަތަމަ އަލިފާން ރޯވި ލޯންޗު ދުރަށް ޖައްސާފައިވާއިރު ތެޔޮ އެއް ބައުޒަރުގައި ވަނީ އަލިފާން ރޯވެފައެވެ. އާންމުންނާއި ފުލުހުން އަދި ސިފައިން އޭރު ކުރަމުންދިޔަ މަސައްކަތަކީ އެ ސަރަހައްދުގައި އޭރު ހުރި އިތުރު ތެޔޮ ބައުޒަރުތަކާއި ވެހިކަލްތައް ދުރަށް ލުމެވެ.
އޭރު، ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ދެ ލޮރީއަކުން އަލިފާން ނިއްވަން، އެއް ލޮރީން ފޯމު އަނެއް ލޮރީން ފެން ޖަހަމުން ދިޔައެވެ.
ގަޑިން 4:00 ހާއިރު އިތުރު ބައުޒަރެއްގައި އަލިފާން ރޯވިއެވެ.
ފުރަތަމަ ރޯވި ލޯންޗުގައި ހުރި އަލިފާން ނިއްވަން ވަކި ޓީމެއް ހަރަކާތްތެރިވަމުން ދިޔައިރު އަލިފާނާ ވަރަށް ކައިރިން އަލިފާނަށް، އަލިފާން ނިއްވާ މީހުން ދިޔައީ އަލިފާނަށް ފެނުގެ ހަމަލާ ދެމުންނެވެ.
ގަޑިން 04:08ގައި އެ ސަރަހައްދުން މީހަކު ހައްޔަރުކޮށްގެން ގެންދިޔައެވެ. އެހެންނަމަވެސް އެމީހަކު ހައްޔަރުކުރީ ކީއްވެކަން ސީދާ ސާފެއް ނޫނެވެ. އެ ސަރަހައްދުން މީހުން ހުސްކުރަން ފުލުހުން މަސައްކަތް ކުރި އިރު އެމީހާ ފުލުހުންގެ އަމުރަށް ކިޔަމަން ނުވީކަމަށް ބެލެވެއެވެ.
04:09 ހާއިރު ތިން ބައުޒަރެއްގައި ރޯވެ، އެއް ބައުޒަރުން ހުޅުގަނޑު ފަޅައިގެން ދިޔައެވެ.
އޭރުވެސް ލޯންޗުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ.
04:14 ހާއިރު އަލިފާންގަނޑު ވަރަށް ބޮޑުވެ، މުޅި ސަރަހައްދު ހޫނުކޮށްލިއެވެ. އެހެންކަމުން އިތުރު ބައެއް ވެހިކަލް ދުރަށް ޖެއްސުމަށް އާންމުންނާއި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
04:37 ހާއިރު އަލިފާން ކޮންޓްރޯލް ވާން ފެށިއެވެ. ދެ ބައުޒަރެއް ނިއްވާލިއެވެ.
04:43 ހާއިރު އަލިފާން ހުރީ އެންމެ ބައުޒަރެއްގައެވެ. ލޯންޗުގައިވެސް އޭރު އަލިފާން ވަނީ ނިއްވާލާފައެވެ.
އެ ބައުޒަރުގަ ރޯވެފައި ހުރި އަލިފާން 05:05ގައިވެސް ނިއްވާ ނުލެވެއެވެ. ނިއްވައި ލެވުނީ އެ ބައުޒަރުގެ މަތި ނަގައިގެން އެތެރެއަށްވެސް ހޮޅިއަކުން ފެން ޖަހަން ފެށުމާއެކުގައެވެ.
05:07 ހާއިރު، ފުރަތަމަ ރޯވި ލޯންޗު ބަންޑުން ޖަހާލައި އަޑިއަށް ދާން ފެށިއެވެ.
05:10 ހާއިރު ހޯމް މިނިސްޓަރު އިމްރާން އާއި ޑިފެންސް މިނިސްޓަރު މާރިޔާ އެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
05:25 ގައި ރައީސް ސޯލިހް އެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
ތެޔޮ ފުރާ ހުރި ބައުޒަރުތަކެއްގައި ރޯވި އަލިފާން ނިއްވުމުގައި ހަމަ ހަގީގަތުގައިވެސް ސަލާމަތީ ހިދުމަތްތަކުންނާއި އާންމު ރައްޔިތުން އަލިފާނާ މިއަދު ކުރީ ހަނގުރާމައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް