ޅ.ނައިފަރުގައި އިއްޔެ މަރުވި ބަންގްލަދޭޝް މީހާއާ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީން ހަވާލުވެއްޖެއެވެ.
އެމީހާ މަރުވީ މެޔަށް ތަދެއް އަރައިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި އެކަމަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެންމެ ފުރަތަމަ އޭނާ ފަރުވާ ހޯދީ ޅ. ހިންނަވަރު ސިއްހީ މަރުކަޒުން ކަމަށްވީ ނަމަވެސް އިތުރު ފަރުވާއަށް އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރިއެވެ.
ނައިފަރު ކައުންސިލުން އިއްޔެ ބުނީ އެމީހާ މަރުވުމުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީއަށް އެކައުންސިލުން ގުޅި ކަމަށެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް އުޅޭ މީހުންނަކީ އެމްބަސީއާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށް ބުނެ މަރުވި ބަންގްލަދޭޝް މީހާއާ އެ އެމްބަސީން ހަވާލުނުވި ކަމަށް ނައިފަރު ކައުންސިލުން ބުނެއެވެ.
ނަމަވެސް ބަންގްލަދޭޝް އެމްބަސީން ވަނީ އެކަން ދޮގު ކޮށްފައެވެ. އެމްބަސީން ބުނީ އެކަމާއި ގުޅޭ ގޮތުން ރާއްޖޭގެ އިދާރާތަކާއި ގުޅުން ލަސްވީ މަރުވި މީހާގެ އާއިލާ މީހުންނާއި ނުގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ އާއިލާ މީހުންނާއި ގުޅިފައިވާ ކަމަށާއި މަރުވި މީހާގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްބަސީން ބުންޏެވެ.
އެމީހާ މަރުވިއިރު ޕާސްޕޯޓެއްވެސް އަދި ވިސާއެއްވެސް ނެތް ކަމަށް ނައިފަރު ކައުންސިލުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް