އ.ދ.ގެ މިއަހަރުގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އ.ދ. ގައި ތަޤްރީރިކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތްއިރު، ރާއްޖޭގެ ރައީސަކު އ.ދ. ގައި ތަޤްރީރުކޮށްފައި މިވަނީ ހަތް އަހަރު ފަހުންނެވެ.
ރާއްޖޭގެ ރައީސަކު އ.ދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ނުކުރައްވާތާ ހަތް އަހަރުވެފައިވާއިރު، ބައިނަލްއަޣްވާމީ މައިދާނުގައި ރާއްޖެ ވަނީ ވަރަށް ބޮޑަށް އެކަހެރިވެފައެވެ. އެހެންކަމުން މިއީ އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވިތާ އަހަރެއް ނުވަނީސް އ.ދ. ގައި ތަޤްރީރުކުރެއްވުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ އިތުރުން ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކަހެރިކޮށް އޮތް އޮތުމަށް ނިމުމެއް އައިސްފައިވާކަން ހާމަވެގެންދިޔަ ކަމެއްކަމަށް ރައީސް އޮފީހުން ސިފަކުރައްވައެވެ.
ރައީސް ސޯލިހު އ.ދ.ގެ އާންމު މަޖިލީހުގައި ދެއްވި ތަޤްރީރުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައިފައި ވަނީ ތިމާވެށީގެ މައްސަލަތަކާއި ބެހޭގޮތުންނެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުގެ ނާޒުކުކަން ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް ގެންނަވައި އެކަމުގެ ނުރައްކާތެރިކަން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް މިންވަރު ހާމަކުރައްވާފައެވެ. މި ތަޤްރީރުގައި، 2023 ވަނަ އަހަރުންފެށިގެން ރާއްޖޭގައި ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުނެކުރުން ހުއްޓާލާނެ ކަމަށް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.
މީގެ އިތުރުން އެމެރިކާގެ ނިއުޔޯކަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި އ.ދ.ގެ އާންމު ޖަލްސާގެ ހަވާސާގައި އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވެޑައިގެން، އެކި ގައުމުތަކުގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސް އ.ދ. ގައި ދިވެހި ޤައުމު ތަމްސީލު ކުރެއްވުމަށް މި ކުރެއްވި މުހިންމު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނެވި ގޮތަށް ފުރަތަމަ ޒިޔާރަތްކުރެއްވީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވައިލެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް