ރޭގެ މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ކުޑަ ހަތަރު ކުއްޖަކު ދޫކޮށްލައިފި

ރޭ މާލޭގައި ހިންގި މާރާމާރީއާއި ގުޅިގެން ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައިވާއިރު އެ 13 މީހުންގެ ތެރޭގައި ހިމެނޭ ކުޑަ ހަތަރު ކުދިން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ އެ 13 މީހުން...

30 Sep 2017 | 14:32

ރޭ މާލޭގައި ހިންގި މާރާމާރީއާއި ގުޅިގެން ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައިވާއިރު އެ 13 މީހުންގެ ތެރޭގައި ހިމެނޭ ކުޑަ ހަތަރު ކުދިން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ 13 މީހުންގެ ތެރެއިން ކުޑަ ހަތަރު ކުއްޖަކު ދޫކޮށްލީ ޖުވެއިނަލް ކޯޓުން ކަމަށެވެ. އަދި ދެން ތިބި ނުވަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ރޭގައި މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އެންމެންނަކީވެސް ރޭ މާލޭގައި ހިންގި މާރާމާރީ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން ކަމަށެވެ.

"އެތަނުން ހަތަރު ކުޑަކުއްޖަކު ޖުވެނައިލް ކޯޓަށް ރިމާންޑަށް ގެންދިއުމުން ވަނީ މުއްދަތު ނުލިބިފައި، މިކުދިންގެ ތެރޭގައި މި މައްސަލައިގާ ހައްޔަރު ކުރެވި ކްރިމިނަލް ކޯޓުން މުއްދަތު ދެއްވާފައިވާ ބޮޑެތި މީހުންގެ މައްޗަށް ހުށަހެޅުނު ހެއްކާއެކު ޖުވެނައިލް ކޯޓަށް މުއްދަތަށް ހުށަހެޅިފައިވާ ކުދިންވެސް ހިމެނޭ" ފުލުހުން ބުނެފައި ވެ އެވެ.

ރޭގެ ދަންވަރު ވަގުތެއްގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ރޭ މާލޭގައި ހިންގި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށެވެ.

އެހެންކަމުން މިއަދު ދޫކޮށްލި ކުޑަ ހަތަރު ކުދިންގެ ތެރޭގައި، އެ މާރާމާރީގައި އަމަލީގޮތުން ބައިވެރިވި ކުއްޖަކު ހިމެނޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ތަހުގީގާއި ގުޅޭ އިތުރު ތަފްސީލު މިވަގުތު އިތުރަށް ހާމަ ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް